ޚަބަރު

މެދުއިރުމަތީ ހަމަނުޖެހުމުގެ ސަބަބުން ހަކަތައިގެ ބާޒާރަށް ނުރައްކާ ބޮޑު


އެމެރިކާއާއި އީރާނާ ދެމެދު އަލުން ޙަމަލާ ބަދަލުކުރަން ފެށުމާއެކު ދުނިޔެއަށް ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަން ދިގުދެމިގެން ގޮސްދާނެ ކަމުގެ އިންޒާރު ބައިނަލްއަޤްވާމީ ހަކަތައާބެހޭ އިދާރާ، އައިއީއޭ ދީފިއެވެ.

މިދިޔަ މަހުގެ ތެރޭގައި އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމާ ގުޅޭ އިބްތިދާޢީ އެއްބަސްވުމެެއްގައި ސޮއިކުރުމުން ތެލުގެ ބާޒާރަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވެއެވެ. އެ ގޮތުން ޖޫން މަހުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ސަޕްލައި ދުވާލަކު 4.1 މިލިޔަން ފީފާއިން އިިތުރުވިއެވެ. ނަމަވެސް އެ ޢަދަދަކީ ހަނގުރާމައިގެ ކުރީގެ ދުވަސްވަރާ އަޅާ ބަލައިއިރު ދުވާލަކު 9.4 މިލިޔަން ފީފާ މަދު ޢަދަދެކެވެ.

އައިއީއޭއިން ބުނީ ދެ ފަރާތުގެ ދެމެދުގައި އަލުން ޙަމަލާ ބަދަލުކުރަން ފެށުމުގެ ސަބަބުން މެދުއިރުމަތީގެ ތެޔޮ އުފެއްދުމާއި އެކްސްޕޯޓު ކުރުމުގެ ދާއިރާއަށް އަނެއްކާ ވެސް އަސަރުކޮށްފައިވާ ކަމަށެވެ. ހެޔޮ ބަދަލުތަކެއް ފެންނަމުން ދަނިކޮށް ޙަމަލާތަކާ ގުޅިގެން ތެލާއި ޤުދުރަތީ ގޭސް އުފުލުމަށް ބޭނުންކުރާ މައި މަގެއް ކަމަށްވާ ހުރްމުޒް ކަނޑުއޮޅި އަލުން ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް ނެރޭ ތެލުގެ ޢަދަދު ދުވާަލަކު 14 ބިލިޔަން ފީފާއިން ދަށަށް ގޮސްފައިވާ ކަމަށް އައިއީއޭއިން ވަނީ ފާހަގަކޮށްފައެވެ. ތެޔޮ ލިބުމުގައި ހުރި ދަތިތަކާއި ތެލުގެ އަގުތައް އުފުލުމުގެ ސަބަބުން، އިޤްތިޞާދުތަކަށް ވަނީ ބޮޑެތި ލޮޅުންތައް އައިސްފައެވެ.

ހުރްމުޒް ކަނޑުއޮޅި އަލުން ހަނގުރާމައިގެ ކުރިއެކޭ އެއްގޮތަށް ބޭނުން ކުރަން ފެށޭނެ ކަމަށް ލަފާކޮށް އައިއީއޭއިން ވަނީ 2027ވަަނަ އަހަރު ބޭނުންވާ މިންވަރަށްވުރެ 4.62 މިލިޔަން ފީފާގެ ތެޔޮ ދުވާލެއްގެ މައްޗަށް ދުނިޔޭގެ ބާޒާރަށް ނެރެވޭނެ ކަމަށް އަންދާޒާކޮށްފައެވެ. މި އަހަރަށް ލަފާކޮށްފައި އޮތީ ދުވާލަކު 860،000 ފީފާގެ ދެފިސިޓެކެވެ. ނަމަވެސް އަލުން ޙަމަލާ ބަދަލުކުރަން ފެށުމާއެކު އެ ހިސާބުތައް ދެން ދިމާވާނެ ކަމަކަށް ނުބެލެވެއެވެ.

2020ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ ތެލުގެ ޑިމާންޑު މި އަހަރު ވެއްޓޭނެ ކަމަށް އައިއީއޭއިން އެންމެ ފަހުން ނެރެފައިވާ ތެލުގެ މާރުކޭޓާ ބެހޭ ރިޕޯޓުގައި ބުނެފައިވެއެވެ.