ޚަބަރު

"އޮޑިޓް އޮފީހަށް ދެވޭނީ ގިނަވެގެން 42 މިލިޔަން ރުފިޔާ"


އޮޑިޓަރޖެނަރަލްގެ އޮފީހުގެ މަސަކަތްތަކަށް އަންނަ އަހަރުގެ ބަޖެޓުން ދެއްވޭނީ ގިނަވެގެން 42 މިލިޔަން ރުފިޔާކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

2017 ވަނަ އަހަރު އޮޑިޓަރ ޖެނަރަލްގެ އޮފީހުގެ އެކިއެކި މަސައްކަތްތަކަށް 60 މިލިޔަންރުފިޔާގެ ބަޖެޓަކަށް އެދިފައިވީނަމަވެސް އޮޑިޓަރ ޖެނަރަލްގެ އޮފީހަށް އަންނަ އަހަރު ކަނޑައަޅުއްވާނެ ބަޖެޓާގުޅޭގޮތުން މިއަދު ބެއްވި މާލިޔަތު ކޮމެޓީގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ ވިދާޅުވީ، އޮޑިޓް އޮފީހަށް ބަޖެޓް އެލޮކޭޝަން ހަދާފައިވާނީ ސާޅީސް މިލިޔަން ރުފިޔާއަށްކަމަށެވެ.

ފިނޭންސްމިނިސްޓަރ ވިދާޅުވީ، ބަޖެޓް ސިޔާސަތަށް ސަރުކާރުން މިހާރު ގޮތްތަކެއް ކަނޑައަޅުއްވާފައިވާކަމަށާއި، އަންނައަހަރުގެ ބަޖެޓު ހުށައެޅިގެންދާއިރު، އެންމެ ބޮޑު ވިސްނުންފުޅެއް ގެންގުޅުއްވަނީ، ރިކަރަންޓް އެކްސްޕެންޑިޗަރ ކުޑަކުރެއްވުމަށްކަމަށެވެ. ނަމަވެސް މިނިވަން މުއައްސަސާތަކަށް ޚާއްސަ އިސްކަމެއްދެއްވުމަށް ގެންގުޅުއްވާ ވިސްނުފުޅުގެ ދަށުން އޮޑިޓަރ ޖެނަރަލްގެ އޮފީހަށް އިތުރު ދެމިލިޔަން ރުފިޔާ ކަނޑައެޅުއްވިދާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާލިޔަތު ކޮމެޓީގައި އޮޑިޓް އޮފީހުގެ ބަޖެޓާއި ގުޅޭ ގޮތުން ވާހަކަފުޅުދައްކަވަމުން އޮޑިޓަރ ޖެނަރަލް ހަސަން ޒިޔާތު ވިދާޅުވީ، އެއޮފީހަކީ ޤާނޫނުން ވަކި މަސައްކަތްތަކެއް ކުރެއްވުމަށް ޓާގެޓްތަކެއް ކަނޑައެޅިފައިވާ ހަމައެކަނި މުއައްސަސާކަމަށެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި އިތުރަށް ހިމަނުއްވައިދެއްވުމަށް އެދިވަޑައިގެންފައިވަނީ 15 މުވައްޒަފަކު އިތުރުކުރެއްވުމަށް ހުށައެޅުއްވި 13 މިލިޔަން ރުފިޔާކަމަށް ޒިޔަތު ވިދާޅުވިއެވެ.

ޒިޔާތު ވިދާޅުވީ، އެއޮފީހުގެ މަސައްކަތްތައް ކުރިއަށްވުރެ އިތުރުވެފައިވާކަމަށާއި، ކިރިޔާވެސް ގޮތެއް އޮތްނަމަ އެދިފައިވާ މިންވަރު ހަމަޖައްސަވައިދެއްވުމަށް ވަރަށް ބޮޑަށް އެދިވަޑައިގަންނަވާކަމަށެވެ.