ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި މާދަމާ ހެނދުނު އާޖެންޓީނާ އާއި ދެކޮޅަށް ސްވިޒަލޭންޑް ނިކުންނައިރު އެ ޓީމުގެ ފޯވަޑް ޔޮހާން މަންޒަމްބީ އަށް ނުކުޅެވޭނެ ކަމަށް އެ ޓީމުން ބުނެފި އެވެ.
ފީފާ ވޯލްޑްކަޕްގައި ސްވިޒަލޭންޑަށް މިހާތަނަށް ތިން ލަނޑު ޖަހައިދީ ދެ އެސިސްޓް ކޮށްދީފައިވާ މަންޒަމްބީ އަށް މި މެޗުގައި ނުކުޅެވޭނީ ދެވަނަ ބުރުގައި އަލްޖީރިއާ އާއި ދެކޮޅަށް ކުޅުނު މެޗުގެ 17 ވަނަ މިނިޓުގައި އޭނާއަށް ލިބުނު އަނިޔާގެ ސަބަބުންނެވެ. މަންޒަމްބީ އަށް ވަނީ ގަދަ 16 ގައި ކޮލަމްބިއާ އާއި ދެކޮޅަށް ކުޅުނު މެޗުވެސް ގެއްލިފަ އެވެ.
ސްވިޒަލޭންޑްގެ ކޯޗު މުރާތް ޔަކީން ބުނެފައިވަނީ މަންޒަމްބީ އަށް އަލުން ކުޅެވޭތޯ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
"އަހަރުމެން ވާނީ އޭނާ އަލުން ކުޅެން ނެރެވޭތޯ ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްފައި. ނަމަވެސް އާޖެންޓީނާ އާއި ދެކޮޅަށް ކުޅޭ މެޗުވެސް އޭނާއަށް ގެއްލޭނެ." މުރާތް ޔަކީން ބުންޏެވެ.
ސްވިޒަލޭންޑްގެ ކެޕްޓަން ގްރަނިޓް ޝަކާ ބުނެފައިވަނީ 72 އަހަރަށްފަހު ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލަށް އެޓީމު ނިކުންނާނީ އަށް ފަހަރު މަތިން ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ލިއޮނެލް މެސީގެ އާޖެންޓީނާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދުމަށް ކަމަށެވެ.
ޝަކާ މިހެން ބުނެފައިވަނީ ސްވިޒަލޭންޑްގެ ކުޅުންތެރިން މި މެޗަށް ނިކުންނާނީ މެސީގެ ޖާޒީ ހޯދުމަށް ވިސްނައިގެން ކަމަށް ބައެއް މީޑިޔާ ރިޕޯޓްތައް ބުނެފައިވާތީ އެކަމަށް ރައްދު ދިނުމުގެ ގޮތުންނެވެ.