ޔަހޫދީ ފައުޖުތަކުން ފަލަސްޠީނުގެ ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމަކީ ހަމައެކަނި އިމާރާތްތަކެއް ބިމާހަމަކުރުމެއް ނޫން ކަމަށާއި، އެއީ މުޅި ޖީލެއްގެ މުސްތަޤުބަލު ނިޒާމީ ސިފައެއްގައި ހަނިކޮށް، ނަގައިލުން ކަމުގައި ބައިނަލްއަޤުވާމީ ދާރިސުން ސިފަކުރެއެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ތަޖުރިބާކާރުން ބަޔާންކުރާ ގޮތުގައި، ތަޢުލީމީ މުއައްސަސާތަކަށާއި، އުމްރާނީ ވަސީލަތްތަކަށާއި، ދަރިވަރުންނާއި މުދައްރިސުންނަށް އަމާޒުކޮށް ދޭ ޙަމަލާތަކުން ހިންގަމުން މިދާ ޖަރީމާއަކީ ތަޢުލީމީ ނިޒާމު ނައްތައިލުމުގެ "ސްކޫލެސްޓިސައިޑް" އެއް ކަން ސާފުކޮށް އެނގި، ހާމަވެގެންދެއެވެ. މާނައަކީ، މިއީ މުޖުތަމަޢަކުން ޢިލްމު ރައްކާތެރިކޮށް، ޒުވާނުން ބިނާކުރުމަށް ބޭނުންކުރާ ބިންގާ މުލުން ލުހެލުމުގެ ނުރައްކާތެރި ސިޔާސަތެއް ކަމެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2025 ޖުލައިގެ ނިޔަލަށް ޣައްޒާގެ ސުކޫލުތަކުގެ %97 އިމާރާތަށް ވަނީ އެކިވަރުގެ ގެއްލުންދީފައެވެ. އަދި، އެ ސަހަރުގެ ހުރިހާ ޔުނިވަރސިޓީއެއް ސުންނާފަތިކޮށްލާފައިވާއިރު، މަތީ ތަޢުލީމުދޭ ކެމްޕަސްތަކުގެ %95 ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ ކަމުގައި އދގެ ތަޢުލީމާއި ސަޤާފަތާ ބެހޭ އިދާރާއިން (ޔުނެސްކޯ) ހާމަކުރެއެވެ. ޣައްޒާގެ ބިމުގައި 68 މިލިޔަން މެޓްރިކް ޓަނުގެ ކުނިބުނި ޖަމާވެ، އެތައް ސަތޭކަ މުދައްރިސުންނެއް ޝަހީދުކޮށްލާފައިވާއިރު، މިއީ އެތައް ދަހަރެއްގެ ޢިލްމީ ޚަޒާނާއާއި މުސްތަޤުބަލުގެ ޑޮކްޓަރުންނާއި އިންޖިނޭރުންގެ ފުރުޞަތުތައް ދާއިމީކޮށް ބަންދުކުރުމަށް ނިޒާމީ ގޮތެއްގައި ހިންގަމުންދާ ޖަރީމާއެކެވެ.
މިހާރު ކުޑަކުދިން އުނގެނެނީ ފޮތް ފަންސޫރެއް، ގޮނޑިއެއް، މޭޒެއް ނެތި، ފޭލިގެތަކުގެ ބިންމަތީގައެވެ. ދެ އަހަރަށްވުރެ ދިގު މުއްދަތަކަށް ފަންސުރާއި ފޮތް ފަދަ އަސާސީ ތަކެތި އެތެރެކުރުން މަނާކުރުމަށްފަހު، އދގެ ކުޑަކުދިންނާ ބެހޭ ފަންޑުން (ޔުނިސެފް) 2026 ޖަނަވަރީގައި ބައެއް ތަކެތި އެތެރެކުރަން ފެށި ނަމަވެސް، މުޤައްރަރުގެ މުހިންމު ފޮތްތައް އަދިވެސް އެތެރެނުކުރެވޭ ކަމުގައި ދާރިސުން ހާމަކުރިއެވެ. އެހެންކަމުން މިހާރު އޮތް ބަހުސަކީ ތަޢުލީމީ މުޤައްރަރު ނޫން ކަމަށާއި، އެއީ ކުއްޖަކަށް ފަންސުރެއް ލިބުމުގެ އަސާސީ ޙައްޤާ މެދު އޮތް ބަހުސެއް ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
ޔަހޫދީން ދަނީ ޣައްޒާގެ އިތުރު ބިންތައް ފޭރިގަންނަމުންނެވެ. މޭ މަހު ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ބުނީ، ޣައްޒާގެ ބިމުގެ %60 ސަރަޙައްދެއް މިހާރު އޮތީ ޔަހޫދީ ސިފައިންގެ އަތްދަށުގައި ކަމުގައެވެ. އަދި، އެ ސަހަރުގެ %70 ބިން ފޭރިގަތުމަށް އޭނާ ވަނީ އަމުރުކޮށްފައެވެ. މީގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ ދެ މިލިޔަނެއްހާ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ އައްސޭރިފަށުގައި އޮތް ވަރަށް ހަނި ސަރަޙައްދެއްގައެވެ. ނިކަމެތި ޙާލުގައެވެ.
މީގެ އިތުރުން، އެ މީހުން ވަނީ ބޭސްފަރުވާއާއި ސްކޮލަރޝިޕް ފަދަ ފުރުޞަތުތަކުން މަޙްރޫމު ކުރުވާފައެވެ. މީގެ އެއް މިސާލަކީ، 2005 ވަނަ އަހަރު ޣައްޒާގެ ސަރަޙައްދީ ހުރަސްތައް ބަންދުކުރުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީއަކުން ލިބުނު ސްކޮލަރޝިޕަކުން މަޙްރޫމުވި އެކަކު ވާހަކައެވެ. ނަމަވެސް، މިއަދު ފެންނަމުން މި ދަނީ ޣައްޒާގެ ހުރިހާ ކުޑަކުދިންނާއި ޒުވާނުންގެ ތަޢުލީމަށް ހުރަސްއަޅައި، މުޅި ޖީލެއްގެ މުސްތަޤުބަލު ޔަހޫދީން ފޮހެލަމުންދާ ހިތާމަވެރި މަންޒަރެވެ. ތަޢުލީމަކީ މަޑުޖައްސައިލެވޭނެ އެއްޗެއް ނޫން ކަމަށާއި، ފަލަސްޠީނުގެ ޒުވާނުންނަށް ދުނިޔެއިން ބަލައިގަންނަ ފެންވަރުގެ ތަޢުލީމީ ފުރުޞަތުތައް ކަށަވަރުކޮށްދިނުން ބައިނަލްއަޤުވާމީ މުޖުތަމަޢަށް ލާޒިމް ކަމުގައި ދާރިސުން ދަނީ ބުނަމުންނެވެ.