ނިމުނު ހަފުތާގައިވެސް ތަފާތު އެކި ދާއިރާތަކުން މުހިއްމު ކަންތައްތަކެއް ހިނގާދިޔައެވެ. އެގޮތުން ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދައެއްކަމުގައިވާ އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އަދި ފުރަތަމަ ފަހަރަށް ރާއްޖޭގައި ރާއްޖޭގައި ޤައުމީ ފެންވަރުގައި ގަރލް ގައިޑް ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތާތު ފާހަގަކޮށްލެވެއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
(9 ޖުލައި) ދިވެހިންގެ ތެރެއިން ނެތެމުންދާ ރީތި އާދައެއްކަމުގައިވާ އިޙްތިރާމް ކުރުން އަށަގެންނެވުމަށް ޤައުމީ ކެމްޕެއިނެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިފަދަ ކެމްޕެއިނެއް ފެެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ ދިވެހިންގެ އައިޑެންޓިޓީ ހިފެހެއްޓުމަށް ދެއްވާ އިސްކަމުގެ ތެރެއިންނެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އަދުގެ ސަރުކާރު އައުމާ ހަމައަށް ދިވެހިންގެ އައިޑެންޓެންޓިޓީ ގެއްލުމަކާ ހަމައަށް އައިސްފައިއޮތްކަަމަށެވެ. ނަމަވެސް މިސަރުކާރުން އެކަމަށް އިސްކަންދެއްވާ ޤައުމިއްޔަތާއި ދިވެހި ބަހަށް އިސްކަން ދީގެން މަސައްކަތްތަކެއް ފެށިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތާރީޚް ދިރާސާކޮށް ސަޤާފީކަންކަން އާލާކުރުމަށްވެސް މުހިއްމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
(8 ޖުލައި) ދިވެހި ސަރުކާރުން ފޯރުކޮށްދެމުންދާ ދަތުގެ ޚިދުމަތުގެ ރަންޔޫބިލް މިހަފްތާގައި ވަނީ ފާހގަކުރައްވާފައެވެ.
މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވަނީ ދަތުގެ ޞިއްޙަތުގެ ދާއިރާއަށް ކުރާ އިންވެސްޓްމަންޓްތައް އިތުރުކޮށް، ކޮންމެ ރައްޔިތަކަށް ފަސޭހަކަމާއެކު ފެންވަރު ރަނގަޅު ދަތުގެ ފަރުވާ ލިބޭނެ މަގު ކަށަވަރުކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސެއިން މުޙައްމަދު ލަޠީފް ވަނީ ވިދާޅުވެފައެވެ.
އަދި ދިވެހިރާއްޖޭގައި ދަތުގެ ފަރުވާގެ ޚިދުމަތް ފެށުމުގެ ތާރީޚުގެ މައްޗަށް އެކުލަވާލާފައިވާ ޚާއްޞަ ފޮތެއް ކަމަށްވާ "އިހުން މިއަދާއި ހަމައަށް" ރަސްމީކޮށް އިފްތިތާހުކޮށްދެއްވިއެވެ.
ދިވެހިރާއްޖޭގައި ހިސާބު ޢިލްމު ފުޅާވެ ކުރިއަރައިގެންދިޔަގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ "މެތަމެޓިކަލް ތިންކިންގ އިން ދަ މޯލްޑިވްސް" ފޮތްވަނީ ބުރާސްފަތި ދުވަހު ނެރެދެއްވާފައެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމް ލިޔުއްވާފައިވާ މި ފޮތް ނެރެދެއްވީ އެކަމަށްޓަކާ އެމްއެންޔޫގެ އިދާރީ މަރުކަޒުގެ އޮޑިޓޯރިއަމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުއެވެ.
ފޮތް ނެރެދެއްވައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވަނީ ހިސާބު ޢިލްމަކީ ހަމައެކަނި ކްލާސްރޫމްތަކާއި ފޮތްތަކުން އުނގެނޭ މާއްދާއެއްގެ ބަދަލުގައި، އެއީ ދިރިއުޅުމުގެ ޢަމަލީ ކަންކަމާ ގުޅިފައިވާ މުހިންމު ޢިލްމެއްކަން ދަރިވަރުންނަށް ވިސްނައިދޭން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
މިރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދުއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އޭޝިއާ ޕެސިފިކް ރީޖަން އޮފް ވޯލްޑް އެސޯސިއޭޝަން އޮފް ގަރލްގައިޑްސް އެންޑް ގަރލް ސްކައުޓްސް (ވެގްސް) އިން، ދެއްވާ ޝަރަފުވެރި އެވޯޑުތަކުގެ ތެރޭގައި ހިމެނޭ އެވޯޑެއް ކަމަށްވާ "އޭޝިއާ ޕެސިފިކް ރީޖަނަލް ޓްރޫޕް ލީޑަރ ޔުނިޓް އެވޯޑް" ހާސިލުކުރެއްވި ދިވެހިރާއްޖޭގެ ގައިޑަރުންނާ އެވޯޑް ޙަވާލުކޮށްދެއްވާފައެވެ. މި އެވޯޑު ރާއްޖޭގެ 14 ގައިޑަރަކު މި އެވޯޑް ހާސިލުކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވަނީ ދިވެހި ގަރލް ގައިޑުންގެ އަގުވަޒަންކުރެވި، ފުރަތަމަ ފަހަރަށް ގަރލް ގައިޑް ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރައްވަން ފެށުމަކީ ތާރީޚީ ދުވަހުގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި ގައިޑު ހަރަކާތަކީ ޤައުމު ބިނާކުރުމަށް ބޭނުންވާ ހަރުދަނާ ޚިދުމަތްތެރި އަންހެނުން ބިނާ ކުރާ ހަރަކާތެއް ކަމަށް ޗީފް ގައިޑް ވިދާޅުވިއެވެ.
- ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު
- ނޭޝަނަލް ކާޑިއެކް ސެންޓަރުގެ އައު ނަމާއި ލޯގޯ އިފުތިތާހުކޮށްދެއްވި
- މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސް، ސަރަޙައްދީ ފެންވަރުގައި ފަރުވާދޭކަން ފާހަގަކުރި
- ހުޅުވިފަހުން ހިތުގެ ބަލިތަކަށް ފަރުވާ ހޯދަން ބޭރަށްދާ މީހުންގެ ޢަދަދު ދަށްވެފައިވާކަން ފާހަގަކުރި
- ކާޑިއެކް ސެންޓަރުން 10 އަހަރުތެރޭ 50،000އަށްވުރެ ގިނަ މީހުން ޚިދުމަތް ހޯދިކަން ފާހަގަކުރި
- އޯޕަން ހާޓް ސަރޖަރީ ފެށުމަށް ދަނީ މަސައްކަތް ކުރަމުން
- ކާޑިއެކް ސެންޓަރުގައި ޚިދުމަތްކުރައްވަނީ މުޅިން ވެސް ދިވެހީން، 6 ކާޑިއޮލޮޖިސްޓުން މަސައްކަތް ކުރައްވާ
(5 ޖުލައި) ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމުގެ މަޝްރޫއު ނިންމައި އިފްތިތާހުކޮށްދެއްވީ ބިނާރާއި ގެދޮރުވެރިކަމާ އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބްއެވެ.
މިއީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ލިފްޓުގެ ދަތިކަން ދިމާވާތީ އެކަމަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުއެކެވެ. ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
މި މަޝްރޫޢުގެ ދަށުން، ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓު އިތުރުކޮށް، ޖުމްލަ 32 ލިފްޓު ވަނީ ހަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ސްޓްރެޗަރ ނުވަތަ ބަލި މީހުން އުފުލޭނެ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ. މި ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ.
މިރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ބިންތަކުގައިވެސް ދެވޭގޮތައް ހެދުމަކީ ސަރުކާރުގެ ވިސްނުމެއްކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށްއޮތްތާގަ ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކުރާނީ މިހާރު ފްލެޓުތަކުގައި އުޅޭ ފަރާތްތަކުގެ ދިރިއުޅުންވެސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ފުރުޞަތު ފަހިވާނެފަދަ ގޮތްތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
(7 ޖުލައި) މާލޭ ނޯތު ހާބަރުގެ "އޭ ޒޯން"ގައި އޮޑިދޯނި ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބޭނެ ނިޒާމު ޤާއިމްކޮށް، އެ ޚިދުމަތް ނިމުނު ހަފުތާގައި ވަނީ ދޭން ފަށާފައެވެ. މީގެކުރިން މާލެ ނޯތު ހާބަރުގެ "އޭ ޒޯން" ބޮޑުތަކުރުފާނު މަގާވީ ފަރާތުން ފެނާއި ކަރަންޓުގެ ޚިދުމަތެއް ނުލިބެއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތް މީގެކުރިން ދެނީ، "ބީ ޒޯން" އާއި "ސީ ޒޯން" އިންނެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ވިދާޅުވީ، މިހާރު "އޭ ޒޯން"އިން އެއްފަހަރާ 48 އުޅަނދަށް ކަރަންޓުގެ ޚިދުމަތް ދޭނެ ކަމަށެވެ. އަދި އެސަރަޙައްދުގައި ފެނުގެ ޚިދުމަތް ދޭ 16 ޕޮއިންޓް ޤާއިމްކޮށްފައިވާ ކަމަށެވެ.
މާލޭ ނޯތު ހާބަރުގެ "އޭ ޒޯން"އިން ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަކީ، މާލޭ ނޯތު ހާބަރު ބޭނުންކުރާ އޮޑި ދޯނިފަހަރަށް އިތުރު ލުއި ފަސޭހަކަމެއް ލިބޭނެ ކަމެއްކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
(5 ޖުލައި) މާލޭގެ 3 ސަރަހެއްދައި އަލިފާނުގެ ހާދިސާތަކެއް ހިނގައި އެކިވަރުގެ ގެއްލުންތަކެއްވަނީ ވެފައެވެ. އެގޮތުން ލޮނުޒިޔާރަތްމަގު ގ. ފުންފަޅުގޭގެ 5ވަނަ ފަންގި ފިލާގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ.
ސިފައިންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުން އަލިފާން ކޮންޓްރޯލުކުރިނަމަވެސް ދުމުގެ އަސަރުކޮށްގެން ކުޑަ ކުދިން ހިމެނޭހެން 21 މީހަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި ހާދިސާގައި އެކިވަރަށް އަސަރު ކުރި އެޕާޓްމަންޓުތަކުގައި ދިރިއުޅުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގަލޮޅު މަދަރުސާގައި ވަގުތީ އިވޭކުއޭޝަން ސެންޓަރެއް ޤާއިމްކޮށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީން އެހީ ފޯރުކޯށްދިނެވެ.
(9 ޖުލައި) ގ. ހުދުރުވާގޭގައިވެސް ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގާފައެވެ. އެމްއެންޑީއެފުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާއިރު، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ ޙާދިސާގައި އެގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މާފަންނު މުނިޔާމަގުގައި ހުރި ގެއެއްގައިވެސް ބުރާސްފަތި ދުވަހު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.
(9 ޖުލައި) ގ. ހުދުރުވާގޭގައިވެސް ވަނީ އަލިފާނުގެ ޙާދިސާއެއް ހިނގާފައެވެ. އެމްއެންޑީއެފުން ހަރަކާތްތެރިވެ އަލިފާން ނިއްވާލާފައިވާއިރު، ނެޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވަނީ ޙާދިސާގައި އެގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީފައެވެ.
މާފަންނު މުނިޔާމަގުގައި ހުރި ގެއެއްގައިވެސް ބުރާސްފަތި ދުވަހު ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވެއެވެ.
(3 ޖުލައި) ޕާޓީ ބަދަލު ކުރުމުން ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ ވ.ތިނަދޫ ކައުންސިލްގެ ރައީސް، ޝުޖާއު ޢަލީ މަޤާމުން ވަކިކޮށްފައެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވ.ތިނަދޫ ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވުމަށްފަހު ދައުރު ފެށުނުފަހުން، ސުޖާޢު އިންތިޚާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި މެއި މަހުގެ 19 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަންގައި ދަފްތަރުވެފައިވާކަން އެކޮމިޝަނުން ވަނީ އެލްޖީއޭއަށް އަންގާފައެވެ.
ޝުޖާޢު އިންތިޚާބުވީ، ދަ ޑިމޮކްރެޓިކްސްގެ ޓިކެޓުގައެވެ. އިންތިޚާބުވުމަށްފަހު އޭނާވަނީ، އެމްޑީޕީއަށް ބަދަލުވެފައެވެ. ޝުޖާޢުގެ ގޮނޑި ގެއްލުމާއި ގުޅިގެން އޭނާ ވެފައިވަނީ، މިޤާނޫނުގެ ދަށުން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލް މެމްބަރަށެވެ.
(6 ޖުލައި) އަދާލަތު ޕާޓީއާއި އެމްއެންޕީ ނޫން ހުރިހާ ޕާޓީއަކުން އޮޑިޓް ރިޕޯޓްތައް އިލެކްޝަންސް ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ.
ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން ކޮންމެ ސިޔާސީ ޕާޓީއެއްވެސް އަހަރު ނިމުމުން އެ އަހަރެއްގެ އޮޑިޓް ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އެގޮތުން 2025ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުތައް ހުށަހެޅުމުގެ ސުންގަޑިއަކީ މެއި މަހުގެ 20ވަނަ ދުވަހެވެ. އެ މުއްދަތުގައި އޮޑިޓް ރިޕޯޓުތައް ހުށަހަޅާފައިވަނީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއާއި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާއި، ޖުމްހޫރީ ޕާޓީއާއި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް، އެމްޑީއޭއާއި ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފުންނެވެ.
(7 ޖުލައި) ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި 4 ޤައުމަކަށް 3 ބޭފުޅަކު އައްޔަންކުރަން މަޖިލީހުން ވަނީ މިހަފްތާގައި ރުހުން ދެއްވާފައެވެ.
- ސައުތު އެފްރިކާއަށް ޑރ. ހާލާ ހަމީދު
- ޗެކް ރިޕަބްލިކްއަށް އާމިނަތު އަބްދުﷲ ދީދީ
- ރިޕަބްލިކް އޮފް މޮރިޓޭނިއާ އާއި ކެންޔާއަށް އަމީން ޖާވީދު ފައިސަލް
(8 ޖުލައި 2026)
މަޖިލީހުން ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުކަމަށް ގއ.ދާންދޫ، ޒައިނާ ޢަބްދުﷲ، ޢައްޔަންކުރަން ބުދަ ދުވަހު ރުހުން ދެއްވާފައެވެ. އެ މަޤާމަށް ޒައިނާ އައްޔަންކުރަން ރުހުންދޭން ފެންނަ ކަމަށް 47 މެމްބަރުން ވޯޓުދެއްވިއިރު، ނުފެންނަކަމަށް 10 މެމްބަރުން ވޯޓު ދެއްވިއެވެ.
މީގެ އިތުރުން މިހަފްތާގައި މަޖިލީހުގައި 3 ވަޒީރަކާ ވަނީ ސުވާލުކުރައްވާފައެވެ.
ކުޑަކުދިން ހެދިބޮޑުވާގޮތް ބަލައި ފަރުވާ ދިނުމުގެ ދާއިރާއިން ސްޕެޝަލައިޒްވި ފުރަތަމަ ދިވެހި ޑޮކްޓަރ، ޑރ. އާމިނަތު ފަޒުނާ ނިޔާވެފައިވަނީ ބުރާސްފަތި ދުވަހުއެވެ. ޑރ. ފަޒްނާ ނިޔާވެފައިވަނީ ކެންސަރު ބަލީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނީކޮށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޑރ. އާމިނަތު ފަޒުނާ ނިޔާވުމުގެ ހިތާމައިގައި، އެ ޢާއިލާއަށާއި، ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގެ ހުރިހާ މުވައްޒަފުންނަށް އަދި ޞިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތަޢުޒިޔާ ދަންނަވާފައެވެ.