ފީފާ ވޯލްޑް ކަޕް 2026 ގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ފްރާންސް ހޯދައިފިއެވެ. އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު ކުއާޓަރ ފައިނަލްގެ ފުރަތަމަ މެޗުުން ފްރާންސް މޮޅުވީ މޮރޮކޯގެ މައްޗަށް 2-0 ކުރި ހޯދައިގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބު ނުކުރެވުނު ނަމަވެސް، އެމްބާޕޭ ވަނީ ދެވަނަ ހާފުގައި މިމުބާރާތުގައި އޭނާގެ 8 ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން، އޮސްމާނެ ޑެމްބެލޭ ޖެހި ލަނޑުގައި އެސިސްޓުކޮށްދިނީވެސް އެމްބާޕޭއެވެ. މިއީ ޑެމްބެލޭ މުބާރާތުގައި ކާމިޔާބުކުރި 5 ވަނަ ލަނޑެވެ.
މެޗުގެ ކުރީކޮޅު ފްރާންސުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައި މޮރޮކޯގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ފަސްވަނަ މިނެޓުގައި ލިބުނު ކޯނަރަކުން ޑަޔޮ އުޕަމެކާނޯ ބޮލުން ފޮނުވާލި ބޯޅަ، މޮރޮކޯގެ ކީޕަރު ޔާސީން ބޯނޯ ވަނީ ދިފާއުކޮށްފައެވެ.
ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެމުންދިޔަ ފްރާންސަށް ކުރިހޯދަން ރަނގަޅު ފުރުސަތެއް ލިބުނީ، މޮރޮކޯގެ މަޒްރާއުވީ އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއިންނެވެ. ނަމަވެސް، ފްރާންސްގެ ކެޕްޓަން ފޮނުވާލި މި ޕެނަލްޓީ ކީޕަރު ބޯނޯ މަތަކުރުމުން، ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ފްރާންސުން މެޗުގެ ލީޑު ނެގީ 60 ވަނަ މިނެޓުގައެވެ. މިއީ އޭރިއާގެ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން އެމްބާޕޭ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، އެމްބާޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑެމްބެލޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައި ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ.
ޑެޝޯމްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފްރާންސް ޓީމުން މިވަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފައެވެ. މިއީ 2018 ވަނަ އަހަރުގެ ޗެމްޕިއަންކަން ހޯދުމާއި، 2022 ވަނަ އަހަރުގެ ގަތަރު ވޯލްޑް ކަޕްގެ ފައިނަލުގައި އާޖެންޓީނާ އަތުން ބަލިވެ ރަނަރަޕްގެ މަގާމު ހޯދުމަށްފަހު، އެޓީމުން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީއެކެވެ.
ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސް ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމް ނުވަތަ ސްޕެއިންއާއެވެ.