ޚަބަރު

ފުޓްބޯޅައަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި ނަސީމް ނިޔާވެއްޖެ


ދިވެހި ފުޓްބޯޅަ އަށް ވަރަށް އަގުހުރި ހިދުމަތްތަކެއްކޮށްދެއްވާފައިވާ މއ. ޕެރިސް އަލީ ނަސީމް ރޭ ފަތިހު ނިޔާވެއްޖެއެވެ. 

އަލީ ނަސީމް ނުވަތަ ކޮއްޔަ ނަސީމަކީ ކްލަބު ވެލެންސިއާގެ އެކިމަގާމުތައް ފުރުއްވައި ގައުމީ ޓީމުގައި ޚިދުމަތްކޮށްފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފަހުން ވަޒީފާ އަދާކޮށްފައިވަނީ އެފްއޭއެމްގައެވެ. ކުޅިވަރަށް ހިދުމަތްކުރުމުން ހިތްވަރުގެ ދިނުމުގެ އިނާމް ހާސިލްކުރައްވާފައިވާ ނަސީމަކީ 1997 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންއާއި އެ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ދެ ވަނަ ރާއްޖެ ހޯދިއިރު ޓީމްގެ އެސިސްޓަންޓް މެނޭޖަރެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ ފުޓްބޯޅަ ޓީމުތަކާ އަންހެން ގައުމީޓީމުގެ މެނޭޖަރުކަން ވެސް ނަސީމް ވަނީ ކުރައްވާފައެވެ. 

ނަސީމްއަކީ އިރާނުން ރާއްޖެ ކޮޅަށް ސަތާރަ ލަނޑު ޖެހިއިރު ވެސް ގައުމީ ޓީމުގެ އެސިސްޓެންޓް މެނޭޖަރެވެ. ހިލޭ ސާބަހަކަށް ވަރަށް ގިނަ މަސައްކަތްތައް ކުރެއްވި ނަސީމަކީ ކަށުކަމާކެމީގެ ކަންކަމުގައި ވެސް އެއްވެސް އުޖޫރައެއް ނެތި އަމަލީ ގޮތުން އުޅުއްވި ބޭފުޅެކެވެ.

ނަސީމް ނިޔާވިއިރު އުމުރަކީ 59 އަހަރުއެވެ.