ޚަބަރު

ތެލުގެ ވިޔަފާރިއަށް ބިން ދޫކުރި މައްސަލާގައި ހޯރަފުށީ ކައުންސިލަރުންނަށް ދަޢުވާކުރަނީ


  • ޤަވާއިދާ ޚިލާފަށް ބިން ދޫކޮށްފައިވަނީ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް

  • ބިން ދޫކުރަން ނިންމީ 2023ވަނަ އަހަރު ބޭއްވި ބައްދަލުވުމެއްގައި

ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް، ޤަވާއިދާ ޚިލާފަށް ބިމެއް ދޫކޮށްފައިވާ މައްސަލައާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ މެންބަރުންނަށް ދަޢުވާކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަންސް ކޮމިޝަނުން، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

ތެލުގެ ވިޔަފާރި ކުރުމަށް ހޯރަފުށިން 5,000 އަކަފޫޓުގެ 01 ބިން 20 އަހަރު ދުވަހަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވަނީ ފެބްރުއަރީ 2023ގައި ބޭއްވި ކައުންސިލް ބައްދަލުވުމުގެ އާއްމު ޖަލްސާއއެއްގައެވެ. އެ ނިންމުމާ އެއްގޮތަށް ހޯރަފުށީގައި ތެލުގެ ވިޔަފާރި ކުރުމަށް ބިން ދޫކޮށްފައިވަނީ، ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށެވެ.

ހޯކްސްއަށް އެ ބިން ދޫކުރުމުގައި އުސޫލާ ޚިލާފަށް ކަންކަން ހިނގާފައިވާކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ބެލުމަށްފަހު، އޭސީސީން މި މައްސަލައާއި ގުޅިގެން ދަޢުވާކޮށްދިނުމަށް އެދިފައިވަނީ ހއ.ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މުޙައްމަދު ވަޙީދުއާއި، ނައިބު ރައީސް އަޙްމަދު އިމްދާޙުގެ އިތުރުން ކައުންސިލް މެންބަރުންކަމަށްވާ ޝާކިރު، އަޙްމަދު ރައޫފު، މަރްޔަމް ވަކީލާ، އާމިނަތު ވިސާމާ އަދި އާމިނަތު ނާޞިޙާގެ މައްޗަށެވެ. މި މައްސަލާގައި ދަޢުވާ ކޮށްދިނުމަށް އެދި ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުގައެވެ.

މި މައްސަލާގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވަނީ، ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް ޢަމަލުކުރުމުގެ ކުށުގެ ދަޢުވާއެވެ.

އޭސީސީއިން ވަނީ، ޕީޖީ އޮފީހުން މި މައްސަލަ ބަލައިގަނެފައިވާކަން މިއަދު ހާމަކޮށްފައެވެ.