ސިއްހަތު

ގަމު ހޮސްޕިޓަލުގެ ވޮލެންޓިއަރ ގްރޫޕް އިފްތިތާޙްކޮށްފި


ލ.ގަމު ރީޖަނަލް ހޮސްޕިޓަލަކީ ފަންސާސް ދެ އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަކީ އެއްވަނަ ދަރަޖައިގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލަކީ ލ.އަތޮޅާއި ޚާއްސަކޮށް ތ.އަތޮޅުގެ ގިނަ ރައްޔިތުން ޚިދުމަތް ހޯދާ ހޮސްޕިޓަލެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން ތަޢާރަފްކުރެއްވި ހެލްތް ވޮލެންޓިއަރ ޚިދުމަތަކީ، ސިއްޙީ އެކި ޚިދުމަތް ދިނުމުގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ ބަޔަކު މުޖުތަމައެއް ނެރެ، އެ ފަރާތްތަކުގެ އެހީއާ މަދަދާއެކު އާންމުންނަށް ސިއްހީ މަޢުލޫމާތު ދެއްވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވުމުގެ ގޮތުން ތަޢާރަފްކުރެއްވި ޚިދުމަތެއް ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.

މި ޚިދުމަތް އިފްތިތާޙުކޮށްދެއްވާ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ސިއްޙީ ދާއިރާގައި ހިލޭ ސާބަހަށް މަސައްކަތްކުރާނެ ބަޔަކު މުޖުތަމައުގެ ތެރެއިން އުފަންވެގެން ދިއުމަކީ، ސިއްހީ ދާއިރާއަށް ލިބުނު ކުރިއެރުމެއް ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، ގަމު ރީޖަނަލް ހޮސްޕިޓަލުން އިސްނަންގަވައިގެން މި ޚިދުމަތް ފެއްޓެވިނަމަވެސް، ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް މުޅި ރާއްޖޭގެ ސިއްޙީ ނިޒާމުގެ ތެރެއަށް ފުޅާކުރެއްވުން ކަމަށް ވިދާޅުވިއެވެ.

img:http://s2.psmnews.mv/images/660x400/14768594562109.jpg|ވޮލަންޓިއަރ ގްރޫޕް އިފްތިތާޙުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން / ފޮޓޯ: ހެލްތް މިނިސްޓަރ

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަބްދުލް ހަންނާން ޢަބްދުއްރަހީމް ވިދާޅުވީ، އެހޮސްޕިޓަލުން މީގެ ކުރިންވެސްމިޚިދުމަތް ފެއްޓެވި ކަމަށެވެ. ދެމެހެއްޓެނެވި ގޮތެއްގައި މިޚިދުމަތް ދިނުމުގެ ގޮތުން ޚިދުމަތް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ހަންނާން ވިދާޅުވިއެވެ. މިއީ މުޅި ލ. އަތޮޅުގެ ރައްޔިތުންގެ ދުޅަހެޔޮ ކަމަށްއެ ހޮސްޕިޓަލުން އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށް ހޮސްޕިޓަލްގެ މެނޭޖަރ ފާހަގަކުރެއްވިއެވެ. ގަމު ރީޖަނަލް ހޮސްޕިޓަލްގެ ހެލްތް ވޮލެންޓިއަރ ގްރޫޕްގައި 29 މީހުން ހިމެނެއެވެ. އެފަރާތްތަކަށް ވޮލެންޓިއަރ ފާސް ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމެވެ.

މިރަސްމިއްޔާތުގައި ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ދެއްކެވި ވާހަކަގައި، ސިއްޙީ ދާއިރާގެ މަސައްކަތަށް ހިލޭ ސާބަހަށް މަސައްކަތް ކުރާނެ ބަޔަކު ތިބުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްލިއެވެ. އަދި ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ޚާއްސަކޮށް، ރަށްރަށުގެ ހެލްތް ސެންޓަރުތައް މަރާމާތުކުރެއްވުމަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާ މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވާ ވާހަކަދެއްކެވިއެވެ.

މިރަސްމިއްޔާތުގައި ގަމު ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.