ވިޔަފާރި

ގެޓްސެޓް ޕްރޮގްރާމްގެ 2 ވަނަ ބުރު އިޢުލާންކުރަނީ


ސަރުކާރުން ޒުވާނުންނަށް ވިޔަފާރީގެ ދާއިރާގައި ކުރިއަށް ދިޔުމަށް ހުޅުވާލި ގެޓްސެޓް ޕްރޮގްރާމްގެ ދެވަނަ ބުރު އަންނަ އަހަރުގެ ކުރީކޮޅު އިޢުލާނުކުރައްވާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ މިހާރު އެ މިނިސްޓްރީން ކުރިއަށްގެންދަވާ ލޯނުތަކުގެ މަސައްކަތް މި އަހަރުގެތެރޭ ނިންމާލެވޭނެކަމަށާއި އެހެންކަމުން އަންނަ އަހަރުގެ ކުރީކޮޅު ގެޓްސެޓް ގެ ދެވަނަ ބުރު އިޢުލާނުކުރެވޭނެކަމަށެވެ. އަދި މިއަންނަ އަހަރު މި ލޯނު ދެއްވާނީ މިއަށްވުރެ ބޮޑުކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިއަހަރު ގެޓްސެޓް ޕްރޮގްރާމްގައި ދެއްވާފައިވަނީ ތިންސަތޭކަ ހާހާއި، އަށްސަތޭކަ ހާހާދެމެދުގެ އަދަދަގެ ލޯނެކެވެ.

img:http://s3.psmnews.mv/images/660x400/14711714302412.jpg|އިކޮނޮމިކް މިނިސްޓަރ ގެޓްސެޓް ޕްރޮގްރާމްގެ ބައިވެރިންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މިއަހަރު ވިޔަފާރި ފެށި ފަރާތްތަކަށް ލިބިފައިވާ ކުރިއެރުމާއި، އެފަރާތްތައް ހިތްހަމަ ޖެހިފައިވުމުން އެއީ ލިބުނު ކާމިޔާބީއެއްކަމަށް ދެކޭކަމަށްވެސް އިކޮނޮމިކް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ފެށި ވިޔަފާރިތަކަށް މިއީ ފެށުމެއްކަމަށާއި އެފަރާތްތަކަށް ދިމާވާ ދަތިތަކާއި އަންނަ ގޮންޖެހުންތަކަށް ކުރިމަތިލާ އެހީތެރިވުމަށް އެމިނިސްޓްރީ ވަރަށް ގާތުގައި ތިބޭނޭކަމަށް އިކޮނޮމިކް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ގެޓް ސެޓް ޕްރޮގްރާމްގެ ދަށުން ދޫކުރާ ލޯނު ދައްކާ ޚަލާސްކުރަން ނުވަ އަހަރުގެ މުއްދަތެއް ދީފައިވާއިރު އެއް އަހަރުގެ ގްރޭސް ޕީރިއަޑެއް ވަނީ ދީފައެވެ. މި ޕްރޮގްރާމްގައި މިއަހަރުވަނީ ތިރީސް ހަތަރު ލޯނެއް، ހަތްދިހަ ދެ ފާރަތަކަށް ދެއްވާފައެވެ.