ޚަބަރު

ހިމަބިހީގެ ޢަދަދުތައް މައްޗަށް، މިދިޔަ ހަފުތާގައި 55 ކޭސް


  • ކޭސްތައް އިތުރުވާތީ އާންމުކޮށް ވެކްސިން ޖަހަންވަނީ ފަށާފައި

  • ބޮޑުވަރުވާ ކޭސްއެއް ނުފެންނަނީ ވެކްސިން ކެމްޕޭންގެ ސަބަބުން

ރާއްޖެއިން މިހާތަނަށް ހިމަބިހީގެ 121 ކޭސް ފެނިފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ. އެޗްޕީއޭއިން ވިދާޅުވީ މިދިޔަ ފަހްތާގައި އެކަނިވެސް 55 މީހަކަށް ބަލި ޖެހިފައިވާކަމަށެވެ.

ރާއްޖެއިން ހިމަބިހީގެ ކޭސްއެއް މެއި މަހު ފެނުނު ފަހުން މިހާތަނަށް މިބައްޔަށް 121 މީހަކުވަނީ ޕޮޒިޓިވްވެފައެވެ. ގައިންގަޔަށް އަރާ މިބަލި މިދިޔަ ހަފްތާގައި އެކަނިވެސް 55 މީހަކަށްވަނީ ޖެހިފައެވެ. އެޗްޕީއޭއިން ބަލީގެ ކޮންޓެކްޓުން ހޯދާ ޓެސްޓުކުމުގެ މަސައްކަތް ކުރަމުންދާއިރު ބަލީގެ ނުރައްކާ އޮތް ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް އަންނަނީ މިހާރު ކުރަމުންނެވެ. އެގޮތުން މިހާތަނަށް 5495 ފަރާތަށް ހިމަބިހީގެ ވެކްސިން ދީފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ހިމަބިހީގެ އަލާމަތްތަކުގެ ތެރެއިން ގައިގައި ރަތް ބިހި ނެގުމާއި، ހުމާއި ރޯގާ ޖެހި ކެއްސާ ލޯރަތްވެ ކަމެއް ދިމާވާނަމަ ވީހާވެސް އަވަހަކަށް ސިއްޙީ އެހީތެރިކަން ހޯދަންޖެހެއެވެ. ހިމަބިހީގެ ނުރައްކާ ކުޑަކުރުމަށް ވެކްސިން މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ބަލި ޖެހިފައިވާ ފަރާތްތަކާއި ބައްދަލުވެފައިވާނަމަ އެކަން ކަމާބެހޭ ފަރާތްތަކަށް އެނގުމަކީ މުހިއްމުކަމެކެވެ. އަދި ބަލީގެ ނުރައްކާ ހުންނަ ދިފާޢީ ނިޒާމު ބަލިކަށި މީހުން ވެކްސިން ފުރިހަމަ ކުރުމަކީ މުހިއްމުކަމެކެވެ.

މިފަހަރު ހިމަބިހީގެ އައުޓް ބްރޭކްގައި ހާލު ބޮޑުވާ ކޭސްއެއް ނެތްކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ. އޭގެ އެއް ސަބަބަކީ ރާއްޖޭގެ ބޮޑު އާބާދީއަކީ ވެކްސިން ފުރިހަމަކޮށްފައިވުންކަމަށް އެޗްޕީއޭއީން ފާހަގަކުރެއެވެ.

ހިމަބިހި އައުޓްބްރޭކާ ގުޅިގެން އަޅާ ފިޔަވަޅެއްގެގޮތުން، އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލްގައި ޑޮކްޓަރަށް ދެއްކޭނެ ވަކި އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ހުޅުމާލޭގައި އައިސޮލޭޝަން ފެސިލިޓީއެއް ހެދުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.