މިދިޔަ ހަފުތާގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ގެއްލުނު 6 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން މިކަން ހާމަކުރެއްވީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފުލުހުން ވަނީ، މިދިޔަމަހުގެ 28 އިން ފެށިގެން މިމަހުގެ 4 ވަނަ ދުވަހާ ހަމައަށް މާލެ ސަރަޙައްދުން ރިޕޯޓްކޮށްފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގެ ތެރެއިން ފުލުހުންގެ ތަޙުޤީޤަށް މިހާތަނަށް ހޯދާފައިވާ ފައިސާގެ އަދަދުތައް ހިއްސާކުރައްވާފައެވެ. މި މުއްދަތުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައި ހިމެނޭ 611،416 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. މީގެ ތެރޭގައި ނަގުދު ފައިސާއާއި ވަގަށް ނަގާފައިވާ ތަކެއްޗަށްވާ އަގު ހިމެނެއެވެ.
މީގެތެރެއިން އެންމެ ގިނަ އަދަދެއް އަނބުރާ ހޯދާފައިވަނީ، ގަލޮޅު ޕޮލިސް ސްޓޭޝަނުންނެވެ. އެ ސްޓޭޝަނުން އެކަނިވެސް 233،881 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.
Between 28 June and 4 July 2026, our officers recovered MVR 611,416 in cash and stolen property linked to reported theft and robbery cases.
— Maldives Police (@PoliceMv) July 7, 2026
These recoveries demonstrate our officers' ongoing efforts to investigate cases, locate stolen property, and return items to their rightful… pic.twitter.com/7D3DILPbab
ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އަހަރުގެ މިހާތަނަށް ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ ތަފާސްހިސާބުތައްވެސް ޢާއްމުކޮށްފައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 6،297 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ރިޕޯޓު ކޮށްފައިވަނީ، ވައްކަމުގެ މައްސަލަތަކެވެ. އެއީ، 1798 މައްސަލައެވެ.
ދެން އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކްސިޑެންޓުގެ މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަހަރުގެ މިހާތަނަށް އެކްސިޑެންޓުތަކާއި ގުޅޭ 1،589 މައްސަލަ ހުށަހަޅާފައިވާއިރު، މަސްތުވާތަކެތީގެ 1،151 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ.
މުޖުތަމަޢުގައި ހިނގާ އެކްސިޑެންޓުތަކާއި، ވައްކަމުގެ މައްސަލަތަކާއި އަދި މިނޫންވެސް އެހެނިހެން މައްސަލަތައް މަދުކުރުމަށް، ކަމާގުޅޭ ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މިކަންކަމަށް އާންމުން ހޭލުންތެރިކުރުމަށް ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.