ޚަބަރު

"ޕީޕީއެމްގެ މައްސަލައިގައި އަމަލުކުރާނީ ކޯޓުން އަމުރާއެއްގޮތަށް"


ޕީޕީއެމްގެ މައްސަލައިގައި އަމަލުކުރައްވާނީ ކޯޓުން ކުރައްވާފައިވާ އަމުރާއި އެއްގޮތަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ކޮމިޝަނުން އަބަދުވެސް އަމަލުކުރައްވަމުން ގެންދަވަނީ ޤާނޫނުތަކާއި ޤަވައިދުތަކާއި ކޯޓުން ނެރުއްވާ އަމުރުތަކާއި އެއް ގޮތަށް ކަމަށެވެ. އަދި ޕީޕީއެމްގެ ރައީސް އިސްވެ އިންނަވައިގެން ބޭއްވި ކައުންސިލްގެ ނިންމުތަކާއި އެ ޕާޓީގެ މުޝްތަޝާރު އިސްވެ އިންނެވި ކައުންސިލުން ނިންމެވި ނިންމެވުންތައް ސިޓީއަކުން އެ ކޮމިޝަނަށް ލިބިފައިވާ ކަމަށާއި އެހެންނަމަވެސް އެ ސިޓީތަކަށް ކޮމިޝަނުން ވަކިގޮތެއް ނިންމަވާފައި ނުވާކަމަށް އަކުރަމު ވިދާޅުވިއެވެ.

ސިވިލްކޯޓުން މިދިޔަ އާދިއްތަ ދުވަހު ކުރެއްވި އަމުރާއި އެއްގޮތަށް ޕީޕީއެމްގެ ހިންގުމާއި އެޕާޓީގެ މުސްތަޝާރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހަވާލުވެޑައިގެން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބައްވަވާފައިވެއެވެ. މި ބައްދަލުވުމުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ނިލަންދޫ ދާއިރާގެ މެމްބަރު ޑރ އަބްދުﷲ ޚަލީލް އައްޔަން ކުރައްވާފައިވެއެވެ.

ކޯޓް އަމުރު ނެރުއްވިތާ މާގިނައިރުތަކެއް ނުވަނީސް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްވެސް އެމަނިކުފާނަށް ތާއީދުކުރައްވާ މެމްބަރުންނާއި އެކު ބައްދަލުވުމެއް ބާއްވަވާފައިވެއެވެ.

ޕީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުން ބޮޑެވެ ބައިބައިވުން އުފެދިފައިވާއިރު ރައީސް ޔާމީނަށް ތާއީދުކުރައްވާ ފަރާތަކުންނާއި ރައީސް މައުމޫނަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް ވަނީ ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައެވެ.