ޚަބަރު

ކޫލް ސްކޫލް މަޝްރޫޢުގެ %61 ނިމިއްޖެ


  • އޭސީ ހަރުކުރުމަށް މިދިޔަ އަހަރު ފެނަކައާ ހަވާލުކޮށްފައިވޭ

  • މަޝްރޫޢުގެ މަސައްކަތް ފެށީ ޖަނަވަރީގައި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްގެން ސަރުކާރުގެ ސްކޫލްތައް އޭސީކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢުގެ 61 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް، ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ޝަރަފުއްދީން ސްކޫލުގައި އޭސީ ހަރުކުރުގެ މަސައްކަތާއި ގުޅޭގޮތުން، ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، އެ މަޝްރޫޢުއަކީ ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިރުޝާދާއެކު ފަށާފައިވާ މަޝްރޫޢުއެއްކަމަށެވެ.

ޖުމްލަ 217 ސްކޫލެއްގައި ކުރިއަށްގެންދާ ކޫލްސްކޫލް ޕްރޮޖެކްޓްގެ 61 އިންސައްތަ ސްކޫލުގެ މަސައްކަތް މިހާތަނަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ މަސައްކަތް ނުނިމި ހުރި ސްކޫލްތަކުގެ ކަރަންޓުވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތްކަމަށެވެ. ޝަރަފުއްދީން ސްކޫލް ވެސް ހިމެނެނީ އޭސީ ހަރުކޮށް ނިންމާ، ކަރަންޓު ވިއުގަ އަޕްގްރޭޑްކުރުމުގެ މަރުހަލާގައި މަސައްކަތް އޮތް ސްކޫލްތަކުގެ ތެރޭގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކަރަންޓުގެ މަސައްކަތް ނިންމާލުމަށް، ހުރިހާ ސްކޫލުތަކަށް ވެސް މިހާރު ވާނީ އޭސީތައް ފޮނުވިފައި. ބައެއް ސްކޫލުތަކުގައި ހުރީ ސިންގަލްފޭސް ކަރަންޓު ކަމަށްވުމުން ގޮންޖެހުމަކަށްވޭ" ވަޒީރު ޑރ. އިސްމާއިލް ވިދާޅުވިއެވެ.

އެ މަސައްކަތް އަވަސްކުރުމަށް އިސްކަންދެއްވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަމާޒަކީ ދެވަނަ ޓާމްގެ ކިޔެވުން ފެށުމުގެ ކުރިން އެ މަޝްރޫޢު ނިންމާލުންކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ސްކޫލްތައް އޭސީ ކުރުމަށް ކުރިއަށްގެންދާ "ކޫލް ސްކޫލް" މަޝްރޫޢަކީ، ދަރިވަރުން ކުލާހުގައި ކިޔަވަން ތިބޭ ވަގުތުތަކުގައި އިހުސާސްކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ، އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަޙައްމަލު ކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރުމަށް ފެނަކައާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުތެރޭގައެވެ. އަދި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ޖަނަވަރީމަހުގެތެރޭގައެވެ.