ޚަބަރު

ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ


ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެ އިދާރާއިން ވިދާޅުވަނީ މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. ރެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް ދަތިވާ ވަރަށް މާލޭގެ މަގުތަކުގައި ވަނީ ފެންހެދިފައެވެ. އަދި ފެން ހިއްކުމަށް މާލޭގެ ބައެއް މަގުތަކުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މިރޭގެ އިރުއޮއްސި 6:30 ން 8 ށް ޔެލޯއެލާޓުވެސް ނެރުއްވާފައެވެ. އަދި ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވެ، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެތީ ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ޤައުމީ މޫސުމާއި ބެހޭ އިދާރާއިން އިލްތިމާސް ކުރައްވައެވެ.

މިގެއިތުރުން މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ ވިއްސާރަ ދުވަސް ވަރަކަށްވެފައި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކޯސްޓްގާޑުންވެސް އިލްތިމާސް ކުރައްވާފައިވެއެވެ.

މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ގިނަ ހާދިސާތަކެއް ހިނގަމުންދާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބެމުންދާ ކަމަށާއި، އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމުގައި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރު ނުކުރެއްވުމާއި، މިފަދަ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް ކޯސްޓްގާޑުން ވަނީ އިލްތިމާސް ކުރައްވާފައެވެ.

މީގެ އިތުރުން، ޑައިވިންގ ކުރުމާއި އެހެނިހެން މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވައިގެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލާ މޫސުމަށް ބަލައި، ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހު ނޫނީ މިފަދަ ކުޅިވަރުތައް ނުބޭއްވެވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ދަންނަވައެވެ. އަދި މިދުވަސްވަރު ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ޙަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވާފައިވެއެވެ. އަދި  ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށްވެސް ކޯސްޓްގާޑުން އިލްތިމާސް ކުރައްވައެވެ.