ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބެލްޖިއަމާއި އެމެރިކާ ބައްދަލުކުރާ މެޗަކީ މަރުގެ މެޗެކެވެ. އެމެރިކާ ބަލިވެއްޖެނަމަ އަމިއްލަ ގައުމުގައި ބާއްވާ މުބާރާތުން ވަނަ އެއް ހޯދަން ކުރާ އުއްމީދު ނިމުމަކަށް އަންނާނެއެވެ. އަދި މިކަންވާނީ ފުޓްބޯޅަ އަށް އެ ގައުމުން ކުރަމުންދާ އިންވެސްޓްމަންޓްތަކާމެދު ކުރެވޭ ބަހުސްގެ އިތުރަށް ހޫނުވާނެ ސަބަބަކަށްނޫނީ ނުވާނެއެވެ.
1994 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވިކަން އެމެރިކާގެ ބައެއް މީހުންނަށް އެނގުނީ ވެސް މުބާރާތް ނިމުނު ފަހުން. މިކަން ބަދަލު ކުރަން އިސްނެންގެވި އެއް ބޭފުޅަކީ ފީފާގެ ކުރީގެ ރައީސް ޖޯ ހަވެލާންޖްއެވެ. އޭނާ އިސްވެ ހުންނަވައިގެން ފެށްޓެވި އެންމެ މުހިންމު ޕްރޮޖެކަޓަކީ އެމެރިކާގެ މޭޖަ ސޮކާ ލީގު މުބާރާތެވެ.
އެމެރިކާގައި ފުޓްބޯޅަ ކުރިއަރުވައި ވަރުގަދަ ބްރޭންޑަކަށް ހެދުމަށް ފެށި މި މަސައްކަތުގައި ޑޭވިޑް ބެކަމް އާއި ލަޔޮނަލް މެސި އާއި އެނޫން ވެސް ދުނިޔޭގެ އެތައް ތަރިންނެއްގެ ކެރިއަރުގެ ފަހު މަންޒިލަކަށް ވެފައިވަނީ އެމެރިކާއެވެ. މިއީ އެއް ގޮތަކުން ކާމިޔާބީ އެއް ނަމަވެސް ލީގުގެ ހަގީގީ ކާމިޔާބީ މިނެކިރާލަން ލިބުނު ތަރާދަކީ މި ފަހަރުގެ ވޯލްޑް ކަޕެވެ. ގައުމީ ޓީމު އަމިއްލަ ގައުމުގައި ނެރޭ ނަތީޖާ ވެގެންދާނީ ފުޓްބޯޅަ އަށް އެމެރިކާ ކުރަމުންދާ އިންވެސްޓްމަންޓްގެ ބަހުސް ފުޅާވެ، ކުރިމަގު ކަނޑައަޅަން ލިބޭނެ މުހިންމު ފުރުސަތަކަށެވެ.
އަނެއްކޮޅުން ބެލްޖިއަމް މި މެޗުން ބަލިވެއްޖެނަމަ ވަރަށް ގިނަ ކުޅުންތެރިންގެ ފުޓްބޯޅަ ކެރިއަރު ނިމުމަކަށް އަންނާނެއެވެ. ރޮމެލޫ ލުކާކޫ އާއި ކެޕްޓަން ކެވިން ޑެބްރޭނާ އާއި ގޯލްކިޕަރު ތިބައޫ ކޯޓުއާ ފަދަ އުމުރުން 35އާ ގާތް ކުރަމުން އަންނަ ކުޅުންތެރިންގެ ގައުމީ ޓީމުގެ ކުރިމަގު ބިނާވެގެންދާނީ މިރޭގެ މެޗުން އެ މީހުން ނެރޭނެ ނަތީޖާ އަށެވެ.
ހަގީގަތުގައި މިރޭގެ މެޗަށް ނުކުންނައިރު ބެލްޖިއަމް ޓީމުން ޖަވާބު ދޭން ޖެހޭ ސުވާލުތަކެއް އެބަހުއްޓެވެ. މި މުބާރާތުގައި މިހާތަނަށް ފެނުނު މެޗުގައި ބެލްޖިއަމްގެ މި ހިސާބަށް ގެނެސްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކޮށްފައިވަނީ ޓީމުގެ އެޓޭކަރުންނެވެ. އެކަމަކު މެދާއި ފަހަތަށް ކުޅޭނެ ކުޅުންތެރިން ނިންމުމުގައި ކޯޗު ރުޑި ގާސިއާ އަށް ހުރި ދަތިތަކާހުރެ އަދިވެސް ފުރަތަމަ 11 އޭނާ އަށް ޔަގީނެއްނޫނެވެ.
ވޯލްޑް ކަޕުގެ ގުރު ނެގި ރަސްމިއްޔާތު ނިމުމުން ރައީސް ޓްރަމްޕް އެމެރިކާ އަށް ވޯލްޑް ކަޕް ތަށި ހޯދައިދެވިދާނެތޯ ކުރެއްވި ސުވާލުގެ ޖަވާބުގައި ޕޮޗެޓީނޯ ބުނީ މިއީ ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ.