ޚަބަރު

ބީއެމްއެލްއާއި މާސްޓަރކާޑު ގުޅިގެން 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް


  • ޕްރޮމޯޝަން ކުރިއަށްދާނީ 31 އޮގަސްޓުގެ ނިޔަލަށް

  • އަލަށް މާސްޓަރކާޑާއި ޑެބިޓް ކާޑަށް ހުށަހަޅާ ކަސްޓަމަރުންނަށްވެސް ބައިވެރިވެވޭނެ

ބޭންކް އޮފް މޯލްޑިވްސްއާއި މާސްޓަރކާޑު ގުޅިގެން 100,000 ރުފިޔާ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ، 6 ޖުލައި އިން ފެށިގެން 31 އޮގަސްޓުގެ ނިޔަލަށެވެ.

މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ. މި ޕްރޮމޯޝަނުގެ ގުރުއަތުގައި ހިމެނުމަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، މާސްޓަރކާޑު ބޭނުން ކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަ ކުރަންޖެހޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރު ކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރު ކުރެވޭނެއެވެ. އެގޮތުން ހަފުތާއަކު 1,000 ރުފިޔާ ޚަރަދު ކުރުމުން އިތުރު އެއް ފުރުސަތު ލިބޭނެއެވެ. އަދި މަހެއްގެ ތެރޭގައި 5,000 ރުފިޔާ ޚަރަދު ކުރުމުންވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ނަސީބުވެރި 10 ފަރާތަކަށް، ކޮންމެ ފަރާތަކަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެއެވެ. މި ފައިސާ ސީދާ އެ ފަރާތްތަކުގެ ބީއެމްއެލް އެކައުންޓަށް ޖަމާ ކުރެވޭނެއެވެ.

ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަކީ، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފައިސާގެ މުއާމަލާތްތައް ކުރުމަށާއި، ފައިސާ ނެގުމަށް ބޭނުން ކުރެވޭނެ ކާޑެކެވެ.

ރާއްޖޭގައި މި ކާޑު ބޭނުން ކޮށްގެން ދިވެހި ރުފިޔާ އެކައުންޓުތަކުން ދުވާލަކު 25,000 ރުފިޔާއާ ހަމައަށް އަދި ޑޮލަރު އެކައުންޓްތަކުން 1,600 ޑޮލަރާ ހަމައަށް ފައިސާ ނެގޭނެއެވެ. ބޭންކް އޮފް މޯލްޑިވްސްއަކީ، ރާއްޖޭގައި މާސްޓަރކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.