ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފަހު 16 ޓީމުގެ ބުރުގައި އިންގްލަންޑާއި މެކްސިކޯ ބައްދަލުކުރި މެޗުގައި އިންގްލަންޑްގެ ކުޅުންތެރިން ދެއްކި ހިތްވަރު ގަދަ ކުޅުމަށް އެޓީމުގެ ކޯޗު ތޯމަސް ޓުޗެލް ތައުރީފް ކޮށްފިއެވެ.
ވޯލްްޑް ކަޕްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ ފޯރިގަދަ އަދި އެންމެ ވާދަވެރި އެއް މެޗުގެ ގޮތުގައި ފާހަގަ ވެގެންދިޔަ މިމެޗު އިންގްލަންޑް އިން ކާމިޔާބު ކޮށްފައިވަނީ 3 ލަނޑު 2 ލަނޑުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓުކެލް ބުނީ އޭނާގެ ކުޅުންތެރިންވަނީ މިމުބާރާތުގައި އެޓީމަށް ދިމާވި ގިނަ ގޮންޖެހުންތަކާއި ވަރަށް ކެރިގެން ކުރިމަތިލާ އެކަންކަން ގިރާ ކޮށްފައެވެ. މިގޮތުން އޭނާވަނީ 32 އަދި ފަހު 16 ޓީމުގެ ބުރުގައި ކުރިމަތިވި ކަންތައްތައް ވަކިން ފާހަގަ ކޮށްފައެވެ. ޓުޗެލް ބުނީ މެކްސިކޯ އާއި ބައްދަލު ކުރި މެޗު، ފަހު 16 ޓީމުގެ ބުރުގެ މެޗެއްގެ ގޮތުގައި ނުފެނުނު ކަމަށާއި އޭގެ ބަދަލުގައި މިމެޗު ފާހަގަ ވެގެންދިޔައީ ފައިނަލެއްގެ ސިފައިގައެވެ.
އޭނާ ބުނީ މެޗުގެ 40 ނުވަތަ 50 މިނެޓް ދިހަ ކުޅުން ތެރިންނާއި އެކު މުބާރާތް ބާއްވާ އެއް ޤައުމާއި ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. އަދި ވޭތުވެދިޔަ ދެ ދުވަހު މެކްސިކޯގައި އޭނާއަށް ކުރެވުނު ތަޖްރިބާ ވަރަށް ރަނގަޅު ކަމަށްވެސް ޓުޗެލް ފާހަގަ ކުރިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި އެމެރިކާގެ ފޯވަޑް ފުލޯރިއަން ބެލޮގުން އަށް ދެއްކި ރަތްކާޑު ސަސްޕެންޑް ކުރުމަށް ފީފާއިން ނިންމި ނިންމުމާއި ގުޅޭގޮތުން ސުވާލުކުރުން ޓުޗެލް ބުނީ އޭނާ ދެކޭގޮތުގައި އެމެޗުގައި ބެލޮގުންއަށް ދެއްކި ރަތް ކާޑަކީ ރަނގަޅު ކާޑެއް ނޫން ކަމަށެވެ.
ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރަތް ކާޑު ދެއްކުމަށް ރެފްރީ ނިންމީ ކަމަށެވެ. މިނިންމުން ބަދަލު ކުރަނީ ކާކުކަމެއް، ކޮން ގޮތަކަށް ކޮށް ކަމަކަށް ބަލައިފަ ކަމެއް އަދި މިކަން ކިހާ ދުރަކަށް ގެންދާނެ ކަމެއް ކަމާމެދު މިއީ އޭނާއަށް އިނގޭ ކަންތައްތަކެއް ނޫން ކަމަށެވެ.
މިކަންކަން ކުރާ ނަމަ އެކަންތައްތަކުގައި ހަމަހަމަ އުސޫލެއް އޮއްނަން ޖެހޭ ކަމަށާއި މިގޮތުން ޑެކްލަން ރައިސް އާއި ފަރަންސޭސިވިލާތުގެ މައިކަލް އޮލީސޭއަށް ދެއްކި ރީނދޫ ކާޑު ތަކަކީ ރަނގަޅު ކާޑު ތަކެއް ނޫން ކަމަށާއި އެކާޑުތައް މިހާރު އަނބުރާ ގެންދެވޭނެތޯ އޭނާ ސުވާލު އުފެއްދިއެވެ. އަދި އޭނާއަށް ފީފާގެ މިގަވައިދުތައް ނޭނގޭ ކަމަށާއި އެހެން ކަމުން އޭނާ އެއީ މިސުވާލު ކުރަން އެންމެ ރަނގަޅު މީހާ ނޫން ކަމުގައި ޓުކެލް ބުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން މެކްސިކޯގެ ކޯޗު ހާވިއޭ އަގުއެރޭ ބުނީ ވަކިން އެއްވެސް ކުޅުންތެރިއެއްގެ ވާހަކަ ދެއްކުން ރަނގަޅު ނޫން ކަމަށާއި ނަމަވެސް މިމެޗުގައި އިންގްލަންޑް ބަލިކުރާނަމަ މެކްސިކޯއިން އެޓީމުގެ އެންމެ މޮޅު ކުޅުން ދައްކަން ޖެހޭ ކަމަށެވެ.
ނަމަވެސް މެޗުގައި ކަން ވީގޮތުން ވަރަށް ގާތް ގާތުގައި ބައިކޮޅަށް ދެ ލަނޑު ވަދެ އަދި ފަހުން އެއްވަރު ކުރަން ކުރި މަސައްކަތުގެ ތެރޭގައި އިންގްލަންޑަށް ޕެނަލްޓީ އެއް ލިބި އެޓީމުން ތިން ވަނަ ލަނޑު ޖެހުމާއި އެކު މެކްސިކޯ އަތުން މެޗު ބީވެގެން ދިޔައީ ކަމަށް އަގުއެރޭ ބުންޏެވެ. އަދި އިންގްލަންޑަކީ ދުނިޔޭގައި ހަތަރު ވަނަ ކަމަށާއި އެޓީމުގައި ތިބީ ވަރަށް މޮޅު ޑިފެންޑަރުން ކަމުން އެއްވަރު ކުރަން ކުރި މަސައްކަތް ކާމިޔާބު ނުވީ ކަމަށެވެ.
އަގުއެރޭ ބުނީ މިމުބާރާތާއި އެކު އޭނާ ޓީމާއި ވަކިވާނެ ކަމަށާއި މިހާ ހިސާބުން ޓީމާއި ހަވާލު ވާނީ އެސިސްޓަންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި އެޓީމުގެ ކުރީގެ ތަޖްރިބާ ކާރު ކުޅުންތެރިޔާ އަދި ކެޕްޓަން ރަފައެލް މާކޭޒްެ ކަމަށެވެ.
އަގުއެރޭ ބުނީ މެކްސިކޯގައި މިހާރު ވަނީ ވަރަށް ރަނގަޅު ބިން ގަލެއް އެޅި އަދި ޓީމު ދަތުރު ކުރަމުންދަނީ ވަރަށް ރަނގަޅު މިސްރާބަކަށް ކަމުން އެކަންކަމަށް ބުރޫ ނާރުވާ ޓީމާއެކު ކުރިއަށް ދެވޭނެ ފަރާތަކީ މާކޭޒް ކަމަށެވެ. އަދި އަގުއެރޭވަނީ މެކްސިކޯގެ ސަޕޯޓަރުން ޓީމަށް ދިން ތަރުހީބަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.