ޚަބަރު

"ކޮމަންވެލްތުން ރާއްޖެ ވަކިވާން ނިންމެވި ނިންމެވުމަށް ތާޢީދު"


ކޮމަންވެލްތުގައި ހިމެނޭ ބޮޑެތި ޤައުމުތަކުން ރާއްޖެއާއިމެދު އަމަލުކުރަނީ، ބިރުދައްކާ އުސޫލުންކަމަށް ވިދާޅުވެ، ކޮމަންވެލްތުން ރާއްޖެ ވަކިވާން ސަރުކާރުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތަޢީދުކުރައްވައިފިއެވެ.

މެމްބަރުން މިހެން ވިދާޅުވީ، ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ފޮނުއްވެވި މައްސަލައަށް ބަހުސް ކުރައްވަމުންނެވެ.

ކޮމަންވެލްތު މެމްބަރު ޤައުމެއްގެ ގޮތުގައި ރާއްޖެއިން ބައިވެރިވެފައިވަނީ، 1982 ވަނަ އަހަރުއެވެ. ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، ކޮމަންވެލްތްއިން ދިވެހިރާއްޖެ ވަކިވުމަށް ދިވެހި ސަރުކާރުން ނިންމަވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ސަރުކާރުން ނިންމެވީ، ފާއިތުވި ކުރު މުއްދަތުގެ ތެރޭގައި އެޖަމިއްޔާގެ ފަރާތުން ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ކަމަށްބުނެ، ރާއްޖޭގެ ވެރިކަމުގެ ނިޒާމާއި، ޤާނޫނު އަސާސީތަކަށް ފާޅުގައި ގޮންޖަހާ، އެކިކަހަލަ ބަޔާންތަކާއި، ރިޕޯޓްތައް ނެރެމުންދާކަމަށް ވިދާޅުވެއެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ފޮނުއްވި މައްސަލައަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވީ، ކޮމަންވެލްތުގައި ހިމެނޭ ބޮޑެތި ގައުމުތަކުން ރާއްޖެއާއިމެދު ޢަމަލުކުރަނީ، ބިރުދައްކާ އުސޫލުން ކަމަށާއި، ރާއްޖެއަކީ ކުޑަޤައުމެއް ނަމަވެސް އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮމަންވެލްތުން އަބަދުވެސް ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށާއި، ޤާނޫނީ ނިޒާމުގެ ތެރެއަށް ނުފޫޒު ފޯރުވަމުން ގެންދިޔަ ކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމަށް ސަރުކާރުން ނިންމެވި ނިނެމްވުމަށް ތާއީދުކުރައްވާ ކަމަށް އެ މެމްބަރުން ވިދާޅުވި ނަމަވެސް އިދިކޮޅު މެމްބަރުން ވަނީ އެ ނިންމެވުމާއި ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. މި މައްސަލަ ދިރާސާ ކުރެއްވުމަށް ވަނީ ކޮމިޓީއަށް ފޮނުއްވާފައެވެ.