ޚަބަރު

ޕީ.ޕީ.އެމްގެ އިދާރީކަންކަމަށް ދަރުބާރުގޭގައި އޮފީސް ހުޅުވަނީ


ޕީ.ޕީ.އެމްގެ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ކުރިއަށްގެންދަވާ އެޕާޓީގެ އިދާރީ ކަންކަން ހިންގުމަށާއި ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ކުރެއްވުމަށް ދަރުބާރުގޭގައި އޮފީސް ހުޅުވުމަށް ނިންމައިފިއެވެ.

ސިވިލްކޯޓުން ނެރުއްވި އަމުރާ އެއްގޮތަށް ޕާޓީގެ މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ބޭއްވެވި ކައުންސިލު ބައްދަލުވުމުގައި އައްޔަންކުރެއްވި ސެކްރެޓަރީ ޖެނަރަލް ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ، ލޯކަލް ކައުސިލްތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ މަސައްކަތްތަކާއި، ޕާޓީގެ އިދާރީ އެހެނިހެން ކަންކަން ކުރެއްވުމަށް ދަރުބާރުގޭގައި އޮފީހެއް ހައްދަވަނީ ކަމާ ގުޅުންހުރި މިނިސްޓްރީގެ ހުއްދައާއެކު އެތަން ކުއްޔަށް ހިފައިގެން ކަމަށާއި، ޕާޓީގެ އޮފީހުގެ ސެޓަޕް މިހާރު ތައްޔާރު ކުރެވެމުންދާ ކަމަށެވެ. img:http://s1.psmnews.mv/images/660x400/14767945501723.jpg|ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވާހަކަފުޅުދައްކަވަނީ - ފޮޓޯ: ޕީއެސްއެމް

ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ބައިވެރިވަނީ، ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޕީ.ޕީ.އެމްއާއި އެމް.ޑީ.އޭ ގުޅިގެން ކަމަށާއި، ދެޕާޓީގެ މެދުގައި ނިންމަވަންޖެހޭ ބައެއް ކަންކަމާއި، މަޝްވަރާތަކަށްފަހު، އިންތިޚާބުގައި ޕީ.ޕީ.އެމްގެ ފަރާތުން ބައިވެރިވުމަށް އެދޭ ފަރާތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށްވެސް ހަލީލް ވިދާޅުވިއެވެ.

ޕީ.ޕީ.އެމްގެ އެތެރޭގައި ޚިޔާލުތަފާތުވެ އުފެދިފައިވާ މި ދަނޑިވަޅުގައި އެ ޕާޓީގެ ރައީސް މައުމޫނުވެސް ވަނީ އެމަނިކުފާނަށް ތާޢީދުކުރައްވާ މެންބަރުންނާއެކު ކައުންސިލް ބައްދަލުވުމެއް ބާއްވަވާފައެވެ. މި ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުންތަކާއި، މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ބޭއްވި ކައުންސިލުން ނިންމެވި ނިންމެވުންތައްވެސް މިހާރުވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާފައެވެ. img:http://s3.psmnews.mv/images/660x400/14767949831111.jpg|ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު ވިދާޅުވީ، ދެފަރާތުގެ ނިންމުންތައް ބެއްލެވުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ނިންމަވާގޮތެއް މުސްތަޝާރަށް ތާޢީދުކުރައްވާ ފަރާތްތަކުން ޤަބޫލުކުރައްވާނެ ކަމަށެވެ.