ކުޅިވަރު

ތިންވަނަ ސެމީފައިނަލްގައި ވާދަކުރުމުގެ ފުރުޞަތު ފިސްޑާ ހޯދައިފި


ފުވައްމުލަކު ވޮލީބޯޅަ މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗް ކާމިޔާބުކޮށް ތިންވަނަ ސެމީފައިނަލްގައި ވާދަކުރުމުގެ ފުރުޞަތު ފިސްޑާއިން ހޯދައިފިއެވެ. 

މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ފިސްޑާ ދެވަނަ ސެމީފައިނަލް ކާމިޔާބުކުރީ ފުވައްމުލަކު ދަޑިމަގު އަވަށަށް ނިސްބަތްވާ ނަގަނަމަގޯއާ ވާދަކޮށް ތިންސެޓް އެއްސެޓުންނެވެ. މެޗްގެ ފުރަތަމަ ދެސެޓް ކާމިޔާބުކުރީ ފިސްޑާއެވެ. މިދެސެޓް ފިސްޑާ ކާމިޔާބުކުރީ 22-25 އަދި 13-25 އިންނެވެ. ތިންވަނަ ސެޓް 24-26 އިން ކާމިޔާބުކުރީ ނަގަނަމަގޯއެވެ. ހަތަރުވަނަ ސެޓް ފިސްޑާ ކާމިޔާބުކުރީ 21-25 އިންނެވެ. މިމެޗްގެ އެންމެ މޮޅު ކުޅުންތެރިއަކީ ފިސްޑާގެ ޢަލީ ހުޒާމްއެވެ. ސެމީފައިނަލް ތިންވަނަ މެޗްގައި ވާދަކުރާނީ ފުރަތަމަ މެޗުން ބަލިވި އައްޑޫ ސިޓީ މީދޫ ވޮލީ ޓީމާއި ފިސްޑާއެވެ. އެމެޗް ކާމިޔާބުކުރާ ޓީމެއް މުބާރާތުގެ ފައިނަލްގެ ދެވަނަ ޖާގަ ލިބޭނެއެވެ. 

ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރީ އަފުން ޓީމެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށާއި ރަނަަރަޕް ޓީމަށާއި ތިންވަނަ ޓީމަށް ހުށަހަޅާފައިވާ ފައިސާގެ އިނާމް ދެގުނަ ބޮޑުކޮށްފައިވާކަން ފުވައްމުލަކު ކައުންސިލުންވަނީ ރޭ ޢިއުލާން ކޮށްފައިވެއެވެ. މިމުބާރާތުގެ ދެ ޑިވިޝަންގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް މިހާރުވަނީ ނިންމާފައެވެ.

 ފުވައްމުލަކު ކައުންސިލުން އިންތިޒާމް ކުރާ މިމުބާރާތުގެ އަންހެން ޑިވިޝަންގެ ސެމީފައިނަލްގައި މިރޭ ވާދަކުރާނީ ފިސްޑާއާއި މިސްކިތްމަގު އެންމެންގެ ގުޅުމެވެ. މިރޭގެ މިމެޗްވެސް ޕީއެސްއެމްގެ ޔެސްޓީވީން ވަގުތުން ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.