މޯލްޑިވްސް އެކުއަޓިކްސްއިން އިންތިޒާމުކޮށްގެން ބާއްވާ 2 ވަނަ ކްލަބް ކިޑްސް ސްވިމިން ފެސްޓިވަލް ފަށައިފިއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި އޮންނަ ސްވިމިން ޕޫލުގައި ކުރިއަށްދާ މި ފެސްޓިވަލުގައި 172 އަންހެންކުދިންނާއި 190 ފިރިހެން ކުދިން ހިމެނޭހެން ޖުމްލަ 362 ކުއްޖަކު، 5 ކްލަބަކުން ވާދަކުރާނެއެވެ.
މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މޯލްޑިވްސް އެކުއަޓިކްސްގެ ނައިބު ރައީސް އިސްމާއިލް އަލީ ވިދާޅުވީ މި ފެސްޓިވަލަށް ލިބުނު ތަރުހީބު ބޮޑުކަމަށެވެ. ފެސްޓިވަލް ކުރިއަށްދާނީ ތިން އުމުރުފުރާއަކަށް ބަހާލައިގެންކަމަށް އޭނާ މައުލޫމާތުދެއްވިއެވެ. އެގޮތުން ކިޑްސް އޭ ގައި ވާދަކުރާނީ 6 އަހަރާ 7 އަހަރާ ދެމުދުގެ ކުދިންކަމަށާއި، 8 އަހަރާ 9 އަހަރާ ދެމެދުގެ ކުދިން ކިޑްސް ބީ ގައި ވާދަކުރާއިރު، ކިޑްސް ސީ ގައި ވާދަކުރާނީ 10 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންކަމަށް އިސްމާއިލް ވިދާޅުވިއެވެ.
"މުބާރާތް ކުރިއަށްދަނީ ވަރަށް ފޯރީގައި. ތިން ކެޓެގަރީއަކުން ކުދިން ފަތާނެ. އެއީ ތިން ގްރޫޕަކުން. ފެސްޓިވަލްގައި ވާދަކުރަނީ 6-7، 8-9 އަދި 10-11 ގެ ކުދިން" އިސްމާއިލް ވިދާޅުވިއެވެ.
ކްލަބް ކިޑްސް ސްވިމިން ފެސްޓިވަލް ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސްވިމިން ޕޫލްގައެވެ.