ޚަބަރު

ޔޫ.އެން.ޑީ.ޕީއާ ގުޅިގެން ފަނޑިޔާރުން ތަމްރީންކުރަނީ


ޔޫ.އެން.ޑީ.ޕީއާ ގުޅިވަޑައިގެން، ބައިނަލްއަޤްވާމީ ކޮންސަލްޓަންޓުންނާއެކު، ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުން ތަމްރީނާއި ހުނަރު އިތުރުކުރެއްވުމަށް ގިނަ ޕްރޮގްރާމްތަކެއް ރާއްވަވައި ހިންގެވުމަށް ހަމަޖެހިފައިވާކަމަށް އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަބްދު ﷲ ސަޢީދު ވިދާޅުވެއްޖެއެވެ. 

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން ރާއްޖޭގައި މަސަކަތްކުރުމުގެ ހުއްދަ 134 ފަރާތަކަށް ދެއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ޤާނޫނީ ދާއިރާއިން މަތީތައުލީމު ޙާސިލުކުރެއްވި ފަރާތްތަކަށް ވަކީލުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދު ﷲ ޢަރީފެވެ. އަދި އަލަށް ހުވާކުރެއްވި ވަކީލުންނަށް ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދައިގެ ލިޔުން ހަވާލުކުރެއްވީ، ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލްއެވެ. 

މި ރަސްމިއްޔާތުގައި އަލަށް ހުވާކުރެއްވި ވަކީލުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދު ﷲ ސަޢީދު ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނީ އަދި ދުސްތޫރީ ޙަޔާތުގައި ގާނޫނީ ވަކީލުން ކުރައްވާފައިވަނީ އަގުހުރި ޚިދުމަތްތަކެއްކަމަށާއި، ރާއްޖޭގައި އަދުލު އިންސާފު ޤާއިމުކުރެއްވުމަށްޓަކައި  ޝަރުޢީ ދާއިރާއިން ކުރައްވާ މަސައްކަތްޕުޅުގައި ޤާނޫނީ ވަކީލުންގެ ޙިއްސާވަރަށްވެސް ބޮޑުކަމަށެވެ. ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުންގެ ޚިދުމަތް ޒަމާނަށް އަންނަ ބަދަލާއި އެއްވަރަށް އެކިއެކި ދާއިރާތަކުން ބަދަލުތައް ގެންނަވަން ޖެހިފައިވާކަން ފާހަގަކުރެއްވިއެވެ.

ޤާނޫނީ ދާއިރާއިންނާއި، އެހެނިހެން ދާއިރާތަކުން ފަނޑިޔާރުންނާއި ޤާނޫނީ ވަކީލުން ތަމްރީން ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. 

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، ވަކީލުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ، މާލީ ގޮތުން ލިބޭ އާމްދަނީއަށް ނުބަލާ މުވައްކިލުންގެ ޙައްޤުތައް ހިމާޔަތްކޮށް ދިނުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ކުރާ މަސައްކަތް ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ކުރަންޖެހޭކަން އެންމެހައި ވަކީލުންވެސް ޤަބޫލުކުރައްވަން ޖެހޭކަމުގައި ވިދާޅުވެ އުއްތަމަ ފަނޑިޔާރު ވަނީ އަލަށް ހުވާކުރެއްވި ވަކީލުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ. 

ޝަރުއީ ދާއިރާއަށް ޤާނޫނީ އިމުގެތެރެއިން ޒަމާނާއެއްގޮތަށް ގެންނަވާ ބަދަލުތަކުގެ ތެރެއިން އެކި އެކި ކޯޓުތަކުން މިހާރު ހޯއްދަވަމުންގެންދަވާ ކާމިޔާބީތަށް އުއްތަމަ ފަނޑިޔާރުވަނީ ފާހަގަކުރައްވާފައެވެ. 

އަލަށް ޤާނޫނީ ދާއިރާއާއި ގުޅިވަޑައިގަތް ވަކީލުންނާއި މުޚާތަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ދައުލަތުގެ ބަންޑާރަނައިބު މުޙައްމަދު އަނިލް ވަނީ ވަކީލުންގެ ޒިންމާއާއި، މަސްއޫލިއްޔަތު އަދާކުރުމުގައި އަމާނާތްތެރިކަމާއެކު ދެމިތިއްބެވުމަށް ހުރިހާ ވަކީލުންނަށްވެސް އިލްތިމާސްކުރައްވާފައެވެ. އަނިލް ދެއްކެވި ވާހަކަފުޅުގައި ދައުލަތާއި، އަމިއްލަ ފަރާތްތަކުންވެސް އަތޮޅުތަކުގައި އެކަށީގެންވާ މިންވަރަކަށް ޤާނޫނީ ޚިދުމަތް ނުދެވޭކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން އަތޮޅުތަކުގައި ވަކީލުން ޚިދުމަތްކުރުމަށް ހުރިހާ ވަކީލުންނަށް އެޓަރނީ ޖެނެރަލް ގޮވާލެއްވިއެވެ. 

ގާތްގަނޑަކަށް އަހަރެއްހާ ދުވަސްފަހުން އާ 134 ފަރާތަކުން ޤާނޫނީ ދާއިރާއާއި ގުޅިފައިވާއިރު، މިއީ ދިވެހިރާއްޖޭގެ  ޢިލްމީ އިދާރާތަކުން ތައުލީމު ޙާސިލުކުރެއްވި ވަކީލުންނެވެ. މިރަސްމިއްޔާތުގައި ވަކާލާތުކުރުމުގެ ހުއްދަ ދެއްވި ފަރާތްތަކުގެ ތެރޭގައި ޝަރުޢީ ދާއިރާ ހިމެނޭހެން ދައުލަތުގެ ތަފާތު އެތައް މުއައްސަސާތަކެއްގައި އެކިއެކި މަގާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް ފެނިގެންދިޔައެވެ.