19 އަހަރުން ދަށުގެ ފުޓުބޯޅަ މުބާރާތުގައި، ކެޔޮދޫ ރެކްރިއޭޝަން ކުލަބު ކޮޅަށް 8 ލަނޑު ޖަހައި، އޮޑި ސްޕޯޓްސް ކުލަބުން މުހިންމު މޮޅެއް ހޯދައިފިއެވެ.
އޮޑީގެ 8 ގޯލުގެ ތެރެއިން 7 ގޯލު ކާމިޔާބުކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އެގޮތުން، މެޗުގެ 6 ވަނަ މިނެޓުގައި އެޓީމަށް ކެޔޮދޫގެ ގޯލު ހުޅުވާލަދިނީ ޢަލީ އައިހަމް އެވެ. އޭނާ ވަނީ މެޗުގެ 18 ވަނަ މިނެޓުގައި އިތުރު ގޯލެއްވެސް ޖަހާފައެވެ.
މިމެޗުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައިވަނީ އޮޑިއަށް ޖުމްލަ 5 ގޯލު ކާމިޔާބުކޮށްދިން ޙުސައިން ޝުހާދު ސުހާނެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި 4 ގޯލު އަދި ދެވަނަ ހާފުގައި 1 ގޯލު ޖަހާފައެވެ.
އޮޑީގެ ބާކީ ލަނޑު ކާމިޔާބުކޮށްދިނީ ޢަބްދުﷲ ރިޒާން މުޙައްމަދެވެ.
މި ނަތީޖާއާއެކު އޮޑިން މިވަނީ ތާވަލުގެ އެއްވަނައިގައި އޮތް މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށްފައެވެ. ދެޓީމުވެސް ކުޅުނު 2 މެޗުން 4 ޕޮއިންޓު ލިބިފައިވާއިރު މާޒިޔާ ކޮޅަށް ވަނީ 3 ގޯލު ވަދެފައެވެ. ނަމަވެސް އޮޑީގެ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ.
މުބާރާތުގައި އޮޑިއަށް ކުރިއަށް އޮތީ އަންނަ އަންގާރަ ދުވަހު ޓީސީއާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ކެޔޮދޫއަށް އޮތީ ހޯމަ ދުވަހު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗެވެ.