ރާއްޖޭގެ މާލީ ނިޒާމު ފުޅާކުރުމުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅުންނާއި މުއައްސަސާތަކުގެ އަގުވަޒަންކޮށް، "ޑިސްޓިންގުއިޝްޑް ކޮންޓްރިބިއުޝަން ޓު ދަ ފައިނޭންޝަލް ސެކްޓަރ" އެވޯޑް ދީފިއެވެ.
އެމްއެމްއޭގެ 45 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި "މޯލްޑިވްސް ފައިނޭންޝަލް ސެކްޓަރ އެވޯޑްސް" ގައި، މި އެވޯޑުތައް ދީފައިވަނީ ރާއްޖޭގެ މާލީ ދާއިރާ ތަރައްޤީކޮށް، އިތުބާރު ހިފޭ، ހަރުދަނާ އަދި ޒަމާނީ ދާއިރާއަކަށް ހެދުމަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ފަރާތްތަކަށެވެ.
މި އެވޯޑް މައިގަނޑު ދެ ބަޔަކަށް ބަހާލެވިފައިވެއެވެ. އެއީ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނައި ފަރާތްތަކަށް "ސްޕެޝަލް އެވޯޑް" އާއި، ވޭތުވެދިޔަ 45 އަހަރު ތެރޭގައި އެމްއެމްއޭ ހިންގެވުމުގައި އިސްކޮށް އުޅުއްވި ގަވަރުނަރުންނާއި ޑެޕިއުޓީ ގަވަރުނަރުންގެ އަގުވަޒަންކުރުމުގެ ބައެވެ. އެގޮތުން މި ރަސްމިއްޔާތުގައި 5 މީހަކަށް ސްޕެޝަލް އެވޯޑް ދީފައިވާއިރު، 10 މީހަކަށް އަގުވަޒަންކުރުމުގެ ބައިން އެވޯޑު ވަނީ ދީފައެވެ.
* ސްޓޭޓް ބޭންކް އޮފް އިންޑިއާ، އެސްބީއައިއަށް ވަނީ، ރާއްޖެއަށް ބޭންކިންގ ޚިދުމަތް ތަޢާރަފުކޮށް، ޒަމާނީ މާލީ ނިޒާމެއްގެ ބިންގާ އެޅުމުގައި އަދާކުރި މުހިންމު ދައުރާއި، ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް އެ ބޭންކުން ވެދީފައިވާ ދިގު މުއްދަތުގެ ޚިދުމަތުގެ އަގުވަޒަންކޮށް ޚާއްޞަ އެވޯޑެއް އަރުވާފައެވެ.
* ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ އަގުވަޒަންކޮށްފައިވަނީ، 1981 ވަނަ އަހަރު އެމް.އެމް.އޭ އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ޒަމާނީ އަދި ވަރުގަދަ މާލީ ނިޒާމެއްގެ ބިންގާ އެޅުއްވުމަށް ކުރެއްވި މަސައްކަތްޕުޅަށެވެ.
* އަލްމަރްޙޫމް އިސްމާޢީލް ފަތުޙީއަށް ވަނީ، ބޭންކް އޮފް މޯލްޑިވްސް އުފެއްދުމުގައި އިސް ދައުރެއް އަދާކުރައްވައި، ރާއްޖޭގައި ވިޔަފާރި ބޭންކިންގ ޚިދުމަތް ފުޅާކުރުމަށް މަގުފަހިކޮށްދެއްވައި، ބޭންކިންގ ދާއިރާ ތަރައްޤީކުރެއްވުމަށް ކުރެއްވި ޚިދުމަތުގެ އަގުވަޒަންކޮށް، އެވޯޑް އަރުވާފައެވެ.
* އިލްޔާސް އިބްރާހީމާއި އިބްރާހީމް ޝަފީޤަށް އެވޯޑް އަރުވާފައިވަނީ، ރާއްޖޭގެ ފުރަތަމަ އިންޝުއަރެންސް ކުންފުނި ކަމަށްވާ އެލައިޑް އިންޝުއަރެންސް އުފެއްދެވުމުގައި އިސްކޮށް އުޅުއްވައި، ރާއްޖޭގެ އިންޝުއަރެންސް ދާއިރާ ކުރިއެރުވުމަށާއި މާލީ ރައްކާތެރިކަމުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅަށެވެ.
* އެމްއެމްއޭގެ ކުރީގެ ގަވަރުނަރު ޑރ. އަޒީމާ އާދަމަށް ޚާއްޞަ އެވޯޑެއް އަރުވާފައިވަނީ، "ރަންދިހަފަހެއް" ނޫޓު ސީރީޒް ތަޢާރަފުކުރެއްވުމުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މޭސްތިރިއެއްގެ ގޮތުން، ރާއްޖޭގެ ފައިސާ ޕޮލިމާ ނޫޓުތަކަށް ބަދަލުކުރައްވައި، ދިގު މުއްދަތަކަށް ހުންނަ، ސަލާމަތީ ގޮތުން ވަރުގަދަ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ޒަމާނީ ފައިސާގެ ނިޒާމެއް ރާއްޖެއަށް ގެނެސްދެއްވުމުގައި އެކަމަނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
* ރައީސް މައުމޫން ޢަބްދުލްޤައްޔޫމް - ގަވަރުނަރު (1981-2004)
* މުޙައްމަދު ޖަލީލް - ގަވަރުނަރު (2004-2005) އަދި ޑެޕިއުޓީ ގަވަރުނަރު (2000-2004)
* ޤާސިމް އިބްރާހީމް - ގަވަރުނަރު (2005-2007)
* ޢަބްދުﷲ ޖިހާދު - ގަވަރުނަރު (2007-2008) އަދި ޑެޕިއުޓީ ގަވަރުނަރު (2005-2007)
* ޑރ. ފަޒީލް ނަޖީބް - ގަވަރުނަރު (2008-2013)
* ޑރ. އަޒީމާ އާދަމް - ގަވަރުނަރު (2014-2017)
* އަޙްމަދު ނަޞީރު - ގަވަރުނަރު (2017-2019)
* ޢަލީ ހާޝިމް - ގަވަރުނަރު (2019-2024)
* އަލްމަރްޙޫމް އިސްމާޢީލް ފަތުޙީ - ޑެޕިއުޓީ ގަވަރުނަރު (1981-1993)
* ޢާރިފް ޙިލްމީ - ޑެޕިއުޓީ ގަވަރުނަރު (1993-2000)
މަރުކަޒީ ބޭންކުން ވިދާޅުވީ، ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި، މި ބޭފުޅުން ވަނީ އެމްއެމްއޭއަކީ ރާއްޖޭގެ ފައިސާގެ ހަމަޖެހުން ދަމަހައްޓާ، މާލީ ނިޒާމު ރައްކާތެރިކޮށް، ގައުމީ ފައިސާ ނެރެ، ފައިސާ ދެއްކުމުގެ ނިޒާމުތައް ބަލަހައްޓައި، މާލީ އިދާރާތައް ސުޕަވައިޒްކުރާ ވަރުގަދަ މަރުކަޒީ ބޭންކަކަށް ހެއްދެވުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ މީހުން ކަމަށެވެ.
މީގެ އިތުރުން، މި ބޭފުޅުންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ މާލީ ތާރީޚުގައި ފާހަގަކޮށްލެވޭ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް އެމްއެމްއޭއިން ވިދާޅުވިއެވެ. އޭގެ ތެރޭގައި ވިޔަފާރި ބޭންކިންގ ފުޅާވުމާއި، އިންޝުއަރެންސް ދާއިރާ ތަރައްޤީވުމާއި، ފައިސާ ދެއްކުމުގެ ނިޒާމު ޒަމާނީވުމާއި، މާލީ ޤަވާޢިދުތައް ހަރުދަނާވުމުގެ އިތުރުން، އައު ފައިސާގެ ސީރީޒްތައް ނެރުމާއި ފައިސާއާ ބެހޭ ސިޔާސަތުތައް އެކުލަވާލުން ހިމެނެއެވެ.