ޚަބަރު

ދެވަނަ މެޗުންވެސް ޓީސީ ބަލިވެއްޖެ


  • ޓީސީ ބަލިވެފައިވަނީ 1-5 ގެ ނަތީޖާއިން

  • ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ޓީސީން

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ޓީސީ ސްޕޯޓްސް ކުލަބް ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ، ފައިނަލަށް ދިއުމަށް އެޓީމުން ކުރަމުން އައި އުންމީދުތަކަށް ހިޔަނިއެޅިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ބުރު ސްޕޯޓްސް ކުލަބާ ބައްދަލުކޮށް، ޓީސީ ބަލިވެފައި ވަނީ 1-5 ގެ ނަތީޖާއިންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ޓީސީން ނަމަވެސް އެޓީމަށް އޭގެ ބޭނުން ހިފިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ބުރަށް ލިބުނު ކޮންމެ ބޯޅައެއްގައި އެޓީމުން ވަނީ ޓީސީގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

ނަތީޖާއެއްގެ ގޮތުން ބުރުގެ ފުރަތަމަ ގޯލު ފެންނަން ގިނައިރުތަކެއް ބޭނުމެއް ނުވިއެވެ. މެޗުގެ 6 ވަނަ މިނެޓުގައި ބުރަށް ޓީސީގެ ގޯލު ހުޅުވައިދިނީ މަކީން މުޙައްމަދު ނައުޝާދެވެ. އޭގެ ފަހުން ގިނައިރުތަކެއް ނުވެ، ބުރުން ވަނީ ދެވަނަ ގޯލެއްވެސް ޖަހާފައެވެ. މެޗުގެ 11 ވަނަ މިނެޓުގައި ބުރަށް މިގޯލު ކާމިޔާބުކޮށްދިނީ ނޫޙް އިސްމާޢީލް އެވެ. ބުރުގެ 4 ވަނަ ގޯލުވެސް ޖަހައިދިނީ ނޫޙެވެ.

މެޗުގެ 41 ވަނަ މިނެޓުގައި ބުރުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ މުޙައްމަދު ޖޫދު އިސްމާޢީލްއެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 0-4 ގެ ނަތީޖާއިން ބުރު ސްޕޯޓްސް ކުލަބް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ޖޫދު ވަނީ ބުރަށް އިތުރު ގޯލެއް ޖަހައިދީފައެވެ. މެޗުގައި ޓީސީއަށް ޖެހުނު ހަމައެކަނި ގޯލު، އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ ޢަބްދުﷲ އައިދަން ސާޖިދެވެ.

މިއާއެކު، މުބާރާތުގައި ޓީސީ ކޮޅަށް ޖުމްލަ 13 ގޯލު ވަދެފައިވާއިރު އެޓީމަށް ޖެހިފައި ވަނީ އެންމެ ގޯލެކެވެ. އެހެންކަމުން މުބާރާތުގެ ފައިނަލުގައި ކުޅުމަށް އޮތް ފުރުސަތު، އެޓީމަށް މިވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.