ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތް ބިނާކުރެއްވުމާއި، މިސްކިތްތަކުގެ އާބާތުރަފިލުވުމަކީ، އިސްލާމިކް މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވާ މަޝްރޫޢުތަކާއި ބެހޭ ގޮތުން ޕީ.އެސް.އެމް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނާއިބު މުޙައްމަދު މުސްޠަފާ އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރައްވައިގެން މި އަހަރު 8 މިސްކިތެއް ބިނާކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.
މީގެ އިތުރުން، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދުގެ ހިލޭ އެހީގައި ބިނާކުރައްވާ 10 މިސްކިތެއްގެ މަސައްތަކާއި، ސަޢޫދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ބިނާކުރައްވާ 3 މިސްކިތެއްގެ މަސައްކަތް ކުރިޔަށް ދާކަމަށް އޭނާ ވިދާޅުވިއެވެ. މިސްކިތްތައް ބިނާކުރުމަށް ބޭރުގެ ފަރާތްތަކުން ވެދެއްވާ އެހީތެރިކަމުގެ އިތުރުން، ދިވެހި ވިޔަފާރިވެރިންވެސް ދަނީ މިސްކިތް ބިނާކުރުމާއި، މިސްކިތްތަކަށް ބޭނުންވާ ވަޞީލަތްތައް ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި ގޮތުން، ދިވެހި އަމިއްލަ ވިޔަފާރިވެރިއެއްގެ އެހީތެރިކަމާއެކު 6 މިސްކިތެއް ޢިމާރާތްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިޔަށް ދާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ. ފާއިތުވި 3 އަހަރުގެ ތެރޭގައި މިސްކިތް ބިނާކުރެއްވުމާއި މަރާމާތުކުރުމުގެ މަޝްރޫޢުތައް 28 މިސްކިތެއްގައި ހިންގަވާ، ނިންމަވާފައިވާކަމަށް މުޙައްމަދު މުސްޠަފާ ވިދާޅުވިއެވެ.
img:http://s3.psmnews.mv/images/660x400/14749725176378.jpg|ލ.ފޮނަދޫ ބަރާސީލް އަވަށުގައި ތަރައްޤީ ކުރައްވާ މިސްކިތް - ފޮޓޯ: ފޮނަދޫ ކައުންސިލް
" ޖުމްލަ މިއަހަރު މިހާތަނަށް 14 ރަށެއްގެ މިސްކިތް ވަނީ އަޅާފައި. މިއަހަރުގެ މިހާތަނަށް ދިޔައިރު 15 މިސްކިތެއް ވަނި މުޅިން ނިމިފައި. ބައެއް މިސްކިތްތައް ހުޅުވުމުގެ މަގުމަތީގައި. އަނެއްބައި މިސްކިތްތައް ހުޅުވުމުގެ މަގުމަތީގައި. މިނިސްޓްރީން މިގެންދާ ޕްރޮޖެކްޓްގައި މިއަހަރު ޖުމްލަ ދުއިސައްތަ ބާވިސް މިލިޔަން ރުފިޔާގެ ޕްރޮޖެކްޓް ދަނީ ކުރިޔަށް މިގެ ތެރޭގައި މިހާރު ނިމިފައި ހުރި ޕްރޮޖެކްތްތަކަށް 77 މިލިޔަން ރުފިޔާ މިވަނީ ހަރަދު ކުރެވިފައި" މުސްޠަފާ ވިދާޅުވިއެވެ.
ހަސަތޭކަ ފަސްދޮޅަސް ފަސް މިސްކިތެއް އިސްލާމިކް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުގައި އެބަހުއްޓެވެ. އަދި، މިސްކިތްތަކުގެ އާބާތުރަ ފިލުވުމާއި، ދީނީ ކަންތައްތަކަށް މީހުން އަހުލުވެރިކުރުވުމަށްވެސް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އަތޮޅުތެރެއާއި މާލޭގައި ދީނީ ނަސޭހަތް ދިނުމާއި، ދީނީ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެމިނިސްޓްރީން ގެންދަވަނީ ތަފާތު ޕްރޮގްރާމްތައް ހިންގަވަމުންނެވެ.