ޚަބަރު

ރަށްރަށަށް ބޯފެން ފޯރުކޮށްދިނުމަށް 10.5 މިލިއަން ރުފިޔާ


ކޮންމެ އަހަރެއްގެ ވެސް ހޫނު މޫސުމާ ދިމާކޮށް ރާއްޖޭގެ ބައެއް ރަށްރަށް ފެނަށްޖެހެއެވެ. މިހެން ދިމާވަނީ ރައްކާ ކުރެވިފައިވާ ފެންނެތުމާއި، އަދި އެރަށްރަށުގައި ބޯން ބޭނުންކުރާ ސާފުބޯފެނުގެ ސްޓޮކް ހުސްވުމުންނެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރު ފެނަށް ޖެހިގެން 104 ރަށަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ " ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން " މިއަހަރުގެ ފުރަތަމަ ފަސްމަސްދުވަހު 88 ރަށަކަށް ފެން ފޯރުކޮށްދީފައިވެއެވެ.

"ޖެނުއަރީ މަހުގެ ސައުވީސް ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ނިޔަލަށް،104 ރަށަކުން ފެނަށް އެދިފައިވޭ.މީގެ ތެރެއިން 88 ރަށަކަށް ފެން ފޯރުކޮށްދެވިފައިވާއިރު،14 ރަށަކަށް ދެފަހަރެއްގެ މަތިން ފެން ފޯރުކޮށްދެވިފައިވޭ.އެހެންނަމަވެސް ފާހަގަކޮށްލަން ވާރޭވޭހުމުގެ ސަބަބުން ދެރަށެއްގެ ރިކުއެސްޓް ކެންސަލްކުރެވިފައިވާކަން." ނެޝަނަލް ޑިޒާސްޓަރ ސެންޓަރުގެ ސީނިއަރ ޕްރޮގްރާމްއޮފިސަރ،ފަރޫޝާ އަލީ ނަސީރު ވިދާޅުވިއެވެ.

ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ފާހަގަކުރައްވާ ގޮތުގައި، ކޮންމެ އަހަރަކުވެސް ފެނަށް އެދެމުންދަނީ ހޫނު މޫސުމުގައެވެ. އެގޮތުން އެންމެ ގިނައިން ފެނަށް އެދެނީ އުތުރުގެ ރަށްތަކުން ކަމަށް އެސެންޓަރުން ވިދާޅުވެއެވެ. ނެޝަނަލް އެމާޖެންސީ އޮޕަރޭޝަން ސެންޓަރުން ފެންފޯރުކޮށްދެނީ، ފެނަށް ޖެހިގެން އެރަށަކުން ރިޕޯޓްކުރުމުންކަމަށާއި، ފެން ހުސްވެގެން ރިޕޯޓްކުރުމުން އެއޮންނަ އުޞޫލެއްގެ ދަށުން، ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ސެޓިފައި ކުރައްވާފައިވާ ޑީސެލިނޭޝަން ޕްލާންޓް ހުންނަ އެންމެ ކައިރި ރަށަކުން ފެން ފޯރުކޮށްދެމުންދާކަމަށް އެސެންޓަރުން ވިދާޅުވެއެވެ. މިއަހަރުގެ ހޫނު މޫސުމުގައި ރަށްރަށަށް ފެންފޯރުކޮށްދެވުމަށް ދައުލަތުގެ ބަޖެޓުން ދިހައެއް ޕޮއިންޓް ފަހެއް މިލިޔަން ރުފިޔާ ޚަރަދުކުރެވިފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން ވިދާޅުވިއެވެ.

"އެންމެ ކައިރީގައި ހުންނަ ، ބޯފެން އުފައްދާ ޑީސެލިނޭޓް ޕްލާންޓް ހުންނަ ރަށްރަށް މެދުވެރިކޮށް ފެނަށްޖެހޭ ރަށްރަށަށް ފެންފޯރުކޮށްދެމުން މިދަނީ. އެއީ ޑިޒާސްޓަރ މެނޭޖްމެންޓުން ސެޓިފައިޑް ރަށްތަކުގެ ގޮތުގައި ކަނޑައަޅާފައި ހުންނަ ރަށްރަށް.އެރަށްރަށުން ފެންނަގާފައި ފެން ބޭނުންވާ ރަށްރަށަށް ފެން މިދަނީ ފޯރުކޮށްދެމުން.މިއަހަރު ޑީސެލިނޭޝަން ފެންޓަނެއްގެ އަގު ހުރީ ދުއިސައްތަ ތިރީސް އަށްރުފިޔާ ފަސް ލާރިއަށް.ދަތުރުގެ ޚަރަދުގެ ގޮތުގައި މޭލަކަށް،1494.6ރ 102 ރަށަށް ޖެހުނު އިރު،( ރިޕީޓް ރަށްތަކާއެކު )ފެން ސަޕްލައި ކުރުމަށް ގާތްގަނޑަކަށް 10.5 ،މިލިޔަން ރުފިޔާ މިވަނީ ޚަރަދު ކުރެވިފައި." ނެޝަނަލް ޑިޒާސްޓަރ ސެންޓަރުގެ ސީނިއަރ ޕްރޮގްރާމްއޮފިސަރ،ފަރޫޝާ އަލީ ނަސީރު ވިދާޅުވިއެވެ.

ޑިޒާސްޓަރ މޭނޭޖްމެންޓް ސެންޓަރުން ވިދާޅުވީ، އަހަރުން އަހަރަށް ފެނަށް ޖެހޭ ރަށްރަށުގެ އަދަދު އިތުރު ވަމުންދާކަމަށާއި، މިކަމަށް ޙައްލެއް ގެނެވެން އަންނަނީ ރަށު ފެންވަރުގައި، މިކަމަށް މަސައްކަތް ކޮށްގެންކަމަށެވެ. އެގޮތުން ފެން އިސްރާފް ކުރުން މަދުކޮށް، ވިއްސާރަ މޫސުމުގައި ރައްކާތެރި ގޮތުގައި ފެން ނަގާ ފަހަށް ރައްކާ ކުރުމަށް، ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުން އިލްތިމާސްކުރައްވައެވެ.