ވިޔަފާރި

އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ބާއްވާ ތާރީޚް ފަސްކޮށްފި


އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ތާވަލްކުރައްވާފައިވާ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު ބާއްވާ ތާރީޚް ފަސްކުރައްވައިފިއެވެ. މި މައުރަޒު ދެން ބާއްވާނީ މި އަންނަ ޑިސެމްބަރު މަހުއެވެ.

އެކްސްޕޯ މޯލްޑިވްސް ދެހާސް ސޯޅައިގެ ބައެއްގެ ގޮތުގައި ބޭއްވުމަށް ހަމަޖައްސަވާފައިވާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒާ ބެހޭގޮތުން މަޢުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޑިވެލޮޕްމެންޓް ކޮންސަލްޓަންޓް އަޙްމަދު މުމްތާޒް ވިދާޅުވީ މި މައުރަޒު ބާއްވާ ތާރީޚް މިހާރު ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހަށް ފަސްކުރައްވާފައިވާ ކަމަށެވެ. އަދި، މި ބަދަލާއިއެކު، މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީޚެއްގެ ގޮތުގައި ނޮވެމްބަރު މަހުގެ 28 ވަނަ ދުވަސް ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މުމްތާޒް ވިދާޅުވީ، އޮންލައިންކޮށްވެސް ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައްވާފައިވާ ކަމަށެވެ. މި މައުރަޒް ބޭއްވުމުގެ އެންމެ މުހިއްމު މަޤްޞަދަކީ ދިވެހި އުފެއްދުންތަކަށް ރާއްޖެއާއި ރާއްޖެއިން ބޭރުން މާކެޓް ހޯދައިދީ، މި އުފެއްދުންތައް އުފައްދާ ފަރާތްތަކަށާއި ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި އިތުރު ފުރުޞަތުތައް ހޯއްދަވައިދެއްވުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މިފަހަރުގެ މައުރަޒުގައިވެސް ޚާއްޞަ ކަންތައްތަކެއް އެކުލެވިގެންވާނޭ ކަމަށާއި، މީގެ ތެރޭގައި އެކިއެކި ވޯކްޝޮޕްތަކާއި، ތްރީޑީ ޕްރިންޓަރު ދައްކާލުމުގެ އިތުރުން ޒުވާނުން ތައްޔާރުކުރާ ތަފާތު އެޕްލިކޭޝަންތައް ދައްކާލުން ހިމެނޭކަމަށް އިކޮނޮމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

އެ މިނިސްޓްރީން ވަނީ، އެކްސްޕޯ މޯލްޑިވްސްގެ ތެރެއިން ކުރިއަށް ގެންދަވާ އައިޓީ އެޕްލިކޭޝަން ފަރުމާކުރުމުގެ މުބާރާތުން އެންމެ މޮޅު 5 ވަނަ ހޯދާ ފަރާތްތައް، އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމެންޓް ފޯރަމްގައި އެ އެޕްލިކޭޝަންތައް ދައްކާލުމުގެ ފުރުޞަތު ދެއްވުމަށް ނިންމަވާފައެވެ.

ދިވެހިރާއްޖޭގައި ޤައުމީ އުފެއްދުންތެރިކަމުގެ މައުރަޒެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ 1997 ވަނަ އަހަރުއެވެ.