ޚަބަރު

ސަފީރުން ޢައްޔަންކުރުމުގެ މައްސަލަ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް


ދެ ޤައުމަކަށް ސަފީރުން ޢައްޔަން ކުރެއްވުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރިޕަބްލިކް އޮފް ސިންގަޕޫރަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ، ހ. މީނާޒް، ޙަމްދޫން ޢަބްދުﷲ ޙަމީދުގެ ނަންފުޅެވެ.

އަދި، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅާ ނޮން-ރެޒިޑެންޓް ސަފީރުކަމަށް ޢައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވަނީ، މއ.ރެސްޓިންގ ހައުސް، ފާޠިމަތު ޢިނާޔާގެ ނަންފުޅެވެ.

މި ނަންފުޅުތައް ދިރާސާކުރައްވާ ގޮތެއް ނިންމެވުމަށް ވަނީ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. އެއަށްފަހު މިއަދުގެ ޖަލްސާގައި ވަނީ 2 ބިލެއްގެ ފުރަތަމަ ކިއުން އިއްވަވާފައެވެ. މިބިލު ތަކަކީ، ކާށިދޫ ދާއިރާގެ މެމްބަރު ފައިޞަލް ނަޞީމް ހުށައަޅުއްވާފައި، ވަޒީފާއާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި، ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެވެ.

މިއަދުގެ ޖަލްސާ ކުރިއަށް ގެންގޮސްފައިވަނީ ދިހަވަރަކަށް މިނެޓަށެވެ.