ނިމިގެންދިޔަ ބީއެމްއެލް ރާއްޖެ ޖޫނިއާސް ނެޓްބޯލް މުބާރާތުން ހުނަރުވެރި ކުޅުންތެރިންތަކެއް ފާހަގަވެގެންދިޔަކަމަށް ނެޓްބޯލް އެސޯސިއޭޝް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ޕީއެސްއެމް ނިއުސްއާ ވާހަކަދެއްކެވި، މޫމިނާ އާދަމް ވިދާޅުވީ ޖޫނިއާ ނެޓްބޯލަ މުބާރާތުން ހުނަރުވެރި ކުދިންތަކެއް ފާހަގަވިކަމަށެވެ. ޖުމްލަގޮތެއްގައި ހުރިހާ ކުދިންގެ ފަރާތުންވެސް ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭކަމަށާއި އެކި ލެވެލްތަކުގެ ކުޅުންތެރިން މިމުބާރާތުން ފާހަގަވިއިރު، މުބާރާތް ނިންމާލެވުނީ ކާމިޔާބުކަމާއެކުކަމަށް އޭނާ ހާމަކުރެއްވިއެވެ.
"ކުދިންނަށް ޕްރެކްޓިސްއަށް ލިބުނު ދުވަސްކޮޅާ ބަލާފަ، އަޅުގަނޑު ފާހަގަކޮށްލަން ހަމަ ފުދޭވަރަކަށް ރަނގަޅު ހުރިހާ ކުދިންގެވެސް ކުޅުން. ނެޓްބޯލްއަކީ ވަރަށް ޓެކްނިކަލް ގޭމެއްވީމަ، ހުރިހާ ކުދިންނަށް އެއް ލެވެލް އެއްގައި ނުކުޅެވޭނެ. އެހެންނަމަވެސް ޖުމްލަގޮތެއްގައި ހަމަ ހުރިހާ ސްކޫލްތަކެއްވެސް ހަމަ ވަރަށް ރަނގަޅަށް ދިޔައީ" މޫމިނާ ވިދާޅުވިއެވެ.
މުބާރާތް ރާވާ އިންތިޒާމުކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ޚާއްސަ ކޮމިޓީއެއް އެކުލަވާލުމުން، ކޮމިޓީއިން މަސައްކަތްކޮށްފައިވާނީ ސްކޫލްތަކާއި އެކު މަޝްވަރާކުރެވި، ދެ ފަރާތަށްވެސް ލުއި ފަސޭހަކަމާއެކު ކަންކަން އިންތިޒާމުކުރުމަށްކަމަށް މޫމިނާ ވިދާޅުވިއެވެ. އަދި މުބާރާތް ކާމިޔާބުކަމާއެކު ނިންމާލެވުނީ ސްކޫލްތަކުން ދިން ފުރިހަމަ އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރައްވާ އެސޯސިއޭޝަނުގެ ނަމުގައި އޭނާ ވަނީ ސްކޫލްތަކަށް ޝުކުރުއަދާކުރައްވާފައެވެ.
"އޮގަނައިޒިން ކޮމިޓީއިން މުބާރާތް ކުރިއަށް ގެންދިއުމުގައި ބެލީ ސްކޫލްތަކަށް ފަސޭހަވާނެ ގޮތެއްގައި ކަންތައްތައް ރާވާލައިގެން ގެންދެވޭތޯ، ވަރަށް ބޮޑު ތަރުހީބެއް މިމުބާރާތަށް ލިބިގެންދިޔަ. ކޮންމެ ކަމެއްގައި އަޅުގަނޑުމެން އެދުނުކަމުގައިވިޔަސް، އެކަމެއް ބަރާބަރަށް ކޮށްދިނުމުގައި ސްކޫލްތަކުން އިސް ދައުރެއް އަދާކޮށްދެއްވި. އެކަމަށްޓަކައި އެސޯސިއޭޝަންގެ ނަމުގައި ސްކޫލްތަކަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން" މޫމިނާ ވިދާޅުވިއެވެ.
17 އަދި 15 އަހަރުންދަށަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ މިމުބާރާތުގައި ގްރޭޓާ މާލެ ސަރަހައްދުގެ ސްކޫލްތަކުން 25 ޓީމެއް ވާދަކުރިއެވެ. މިމަހުގެ 17 އިން 27 ގެ ނިޔަލަށް ކުރިއަށްދިޔަ މިމުބާރާތުގެ ތަށި ދެ އުމުރުފުރާއިން ވެސް ޣިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލްއިން ހިއްލާލާފަވާއިރު، މިއީ އެ ސްކޫލުން ތަށި ދިފާއުކުރި ދެވަނަ އަހަރެވެ. މުބާރާތުގެ ރަނަރަޕްކަން ހޯދީ ހިރިޔާ ސްކޫލާއި ހުރަވީ ސްކޫލުންނެވެ.