ކުޅިވަރު

ޖަރމަނީ ކަޓުވާލާ، ޕެރަގުއޭ ގަދަ 16 އަށް!


  • ޕެނަލްޓީގައި ޕެރަގުއޭ ކުރި ހޯދީ 4-3 ން

ހަތަރު ފަހަރު ވަރލްޑްކަޕް ކާމިޔާބުކުރި ޖަރމަނީ ކަޓުވާލުމަށްފަހު ޕެރަގުއޭ މުބާރާތުގެ ގަދަ 16 ޓީމްގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

ޕެރަގުއޭ މުބާރާތުގެ ގަދަ ސޯޅަ ޓީމްގެ ބުރަށް ދަތުރުކުރީ ޕެނަލްޓީގައި ޖަރމަނީ ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 ން ދެޓީމް އެއްވަރުވުުމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނިޓްގެ ދެހާފްގައިވެސް ނަތީޖާއަށް ބަދަލެއް ނައުމުން ޖެހި ޕެނަލްޓީގައި ޕެރަގުއޭ ކުރިހޯދީ 4-3 ނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ޕެރަގުއޭއަށް ލީޑް ނަގައިދިނީ ހޫލިއޯ އެންސީސޯ އެވެ. ކޯނަރުން ހުރަސްކުރި ބޯޅަ އޭރިޔާ ތެރެއިން ކީޕަރު ނޯޔާ އަތުން ޖައްސާ ފޮނުވާލި ނަމަވެސް ދެވަނަ ފަހަރަށް ތަނަވަސްވި ފުރުޞަތުގައި ހޫލިއޯ އެންސީސޯ ވަނީ އެބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ. މެޗު ފަށައިގެން ދެވަނަ މިނިޓްގައިވެސް ރަނގަޅު ފުރުޞަތެއް ލިބުނު ޕެރަގުއޭއަށް ލިބުނެވެ., ގޯލްގެ އަރިމަތީ ދަނޑިކައިރިން ޖޫނިއާ އަލޮންސޯ އަށް ލިބުނު ފުރުޞަތު ބޭކާރުވީ ރަނގަޅަށް ބޯޅައިގައި ލައްވާނުލުމުންނެވެ. ދެވަނަ ހާފް ފަށައިގެން ފަސްވަނަ މިނިޓްގައި ޑިފެންޑަރ ކިމިޗްއަށް ހެދުނު ގޯހެއްގައި ބޮކްސް ތެރެއިން އެންސީސޯއަށް ލިބުނު ފުރުޞަތުގެ ހުރަހަކަށްވީ ކީޕަރު ނޯޔާ އެވެ.

54 ވަނަ މިނިޓްގައި ޖަރމަނީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކައި ހާވަޓްޒް އެވެ. ފްލޮރިއަން ވާޓްޒް އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ ހާވާޓްޒް ވަނީ ބޮލުން ގޯލުގެ ކަނަށް ފޮނުވާލާފައެވެ. ނަތީޖާ ނެރުމަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ ހާފްގައި ޖޮނަތަން ލަނޑެއް ޖަހާ ޖަރމަނީއަށް ލީޑް ހޯދައިދިނުމުން މެޗުން ޖަރމަނީ މޮޅުވީ ކަމަށް ބެލެވުނަސް، ވީއޭއާރުން އެ ލަނޑު ބަލައި ނުގަތެވެ. އެއީ ޕެރަގުއޭ ކީޕަރަށް ފައުލްކޮށްފައިވާތީއެވެ.

އެނަތީޖާއަށް ބަދަލެއް ނައިސް 90 މިނިޓާއި، އިތުރު ވަގުތުގެ ދެ ހާފްވެސް ނިމުމުން ޖެހި ޕެނަލްޓީގައި ޖަރމަނީގެ ފެށުންވެސް ދިޔައީ ގޯސްކޮށެވެ. މެޗުގެ ތެރެއިން ގޯލް ޖެހި ހާވާޓްޒް ޖެހި ޖަރމަނީގެ ފުރަތަމަ ޕެނަލްޓީ ކާމިޔާބެއް ނުވިއެވެ. އޭގެއިތުރުން ނިކޯ ވޮލްޓަމޭޑް ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ޖޮނަތަން ޖެހި ހަވަނަ ޕެނަލްޓީވެސް ކާމިޔާބެއް ނުވިއެވެ. ދެޕެނަލްޓީ ކީޕަރު މަތަކުރީއެވެ. ޖޮނަތަން ޓާ ޖެހި ހަވަނަ ޕެނަލްޓީ ގޯލާ އަމާޒެއް ނުވިއެވެ. ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކޮންމެ ޓީމަކަށްވެސް ކާމިޔާބުވީ ތިން ޕެނަލްޓީއެވެ.
ޕެރަގުއޭގެ ފުރަތަމަ ތިން ޕެނަލްޓީ މައުރީސިއޯ އާއި ގުސްޓާވޯ ގޮމޭޒް އަދި މަޓިއަސް ގަލާޒާ ކާމިޔާބުކުރިއެވެ. އެކަމަކު އެންޓޯނިއޯ ސަނަބުރިއާ ޖެހި ހަތަރުވަނަ ޕެނަލްޓީ އާއި ފަބިއަން ބަލްބުއެނާ ޖެހި ޕެނަލްޓީ ކާމިޔާބު ނުވެ ހަވަނަ ޕެނަލްޓީއެއް ޖަހަން ޖެހުނެވެ. ޕެރަގުއޭގެ ހަވަނަ ޕެނަލްޓީ ހޯސޭ ކަނާލޭ ކާމިޔާބުކުރިއެވެ.

ހަތް ލަނޑުގެ މޮޅަކުން މުބާރާތް ފެށި ޖަރމަނީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އިކުއެޑޯ އަތުންވެސް ބަލިވިއެވެ. ޕެރަގުއޭ ގްރޫޕް ސްޓޭޖްގައި ބަލިވީ އެމެރިކާ އަތުންނެވެ.