ޚަބަރު

ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން، ރައީސްއާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން ރަޒާ ރައްބާނީއާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި، ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ.

އަދި، ރާއްޖެއާއި ޕާކިސްތާނާ ދެމެދުގައި ޤާއިމްކުރެވިފައިވާ އެކުވެރި ގާތް ގުޅުމުގެ އަގު ވަޒަންކުރައްވާ ކަމުގައާއި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތަކީ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ އުޙުއްވަތްތެރި ގުޅުން ވަރަށް ބޮޑަށް ރަމްޒުކޮށްދޭ ޢިމާރާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާއި، ޕާކިސްތާންގެ ސެނެޓުގެ ޗެއަރމަން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާ، ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ޕާކިސްތާންގެ ސެނެޓުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވެފައެވެ.

ޗެއަރމަންގެ ވާހަކަފުޅުގައި، އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން ރާއްޖޭން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާ، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމަށް ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

އަދި، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތަށާއި، ދިވެހި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ތަޢުރީފު ކުރެއްވިއެވެ.

އަދި، ޗެއަރމަން ފާހަގަކުރެއްވިގޮތުގައި ޕާކިސްތާނުގެ ވިޔަފާރި ޖަމާޢަތްތަކުންނާއި އަމިއްލަ ވިޔަފާރިވެރިން، ރާއްޖޭން ލިބެންހުރި ވިޔަފާރީގެ ފުރުޞަތުތައް ފުޅާދާއިރާއެއްގައި ހޯދާ ބަލާނެކަމަށް އުއްމީދު ކުރައްވާކަމުގައި ވިދާޅުވިއެވެ.