ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ބްރެޒިލާ ދެކޮޅަށް ކުޅޭ މެޗުގެ ނަތީޖާ ކަނޑައަޅަން ޖަޕާނުގެ ކޯޗު އެންމެ ބޭނުމީ ޕެނަލްޓީ ޖަހައިގެން ކަމަށް އޭނާ ބުނެފި އެވެ.
"މިއީ މުބާރާތުގައި ޕެނަލްޓީ ޖަހަން ޖެހޭ ހިސާބު. އަހަރެން އެކަމަށް ޝައުގުވެރިވަން. ބްރެޒިލް އަކީ މޮޅު ޓީމެއް. ޕެނަލްޓީ ޖަހަން އެންމެ ރަނގަޅު އެއް މެޗަކަށްވާނީ ވެސް މި މެޗު،" ކޯޗު ހާޖިމީ މޮރިޔާސޫ ބުންޏެވެ.
މި ދެ ގައުމު އެންމެ ފަހުން ބައްދަލު ކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެ މެޗު 3-2އިން ކާމިޔާބު ކުރީ ޖަޕާނެވެ. މޮރިޔާސޫ ބުނީ ވޯލްޑް ކަޕުގެ ގަދަ 32 ޓީމުގެ ބުރުގައި ބްރެޒިލްއާ ކުޅެން ޖެހުމުން އެންމެ ފަހުގެ ނަތީޖާ އަކީ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އޭނާ ބުނީ ޕެނަލްޓީ ޖަހަން ވެއްޖެނަމަ ކުޅުންތެރިންގެ ތަރުތީބު ކަނޑައަޅާނީ އޭނާ ކަމަށެވެ.
"ކުޅުންތެރިން އަމިއްލަ އަށް ޕެނަލްޓީ ޖަހާނީ ކާކުތޯ ނިންމަން ދޫކޮށްލުމުގެ ބަދަލުގައި އަހަރެން ބޭނުންވަނީ އެންމެ ފަހު ފަހަރު އަހަރުމެން ކަން ކުރި ފަދައިން ޕެނަލްޓީ ޖަހާ ތަރުތީބު އަހަރެން ނިންމަން،" ކޯޗު ބުންޏެވެ.
މި މެޗަށް ނުކުންނައިރު ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޯޓީ ބުނީ މުބާރާތުގައި މިހާތަނަށް އެންމެ ރަނގަޅަށް ކުޅުނު އެއް ޓީމަކީ ޖަޕާން ކަމަށެވެ.