ޚަބަރު

މުދާއުފުލާ ބޯޓެއް ޅ.ކުރެއްދޫ ރިސޯޓު ކައިރިން ފަރަށް އަރައިފި


އިންޑިއާގެ މުދާ އުފުލާ ބޯޓެއް ޅ.ކުރެއްދޫ ރިސޯޓު ކައިރިން ފަރަށް އަރައިފިއެވެ. 

މި ހާދިސާ ހިނގިއިރު ބޯޓުގައި އިންޑިޔާގެ 7 މީހަކު ތިއްބެވެ. މި ހާދިސާގައި ބޯޓުގައި ތިބި ހުރިހާ އެންމެންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ.

މި ހާދިސާގެ މަޢުލޫމާތު، އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް މިއަދު ހެނދުނު 7 ޖަހާކަންހާއިރު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ނޮދަން އޭރިއާގައި ޤާއިމުކުރެވިފައިވާ ކޯސްޓްގާޑުގެ ސިފައިން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމަކާއެކު، ބޯޓު ފަރަށް އަރާފައިވާ ސަރަޙައްދަށް ގޮސް އެހީތެރިވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ މި މުދާ އުފުލާ ބޯޓު ފަރަށް އަރާފައިވަނީ، އިންޑިއާއިން މުދާ ބަރުކޮށްގެން ކުޅުދުއްފުށީ ބަނދަރުގައި މަޑުކޮށް، އެ ބަނދަރަށް މުދާ ބޭލުމަށްފަހު މާލެ އަށް ދަތުރުކުރި މަގުމަތީގައެވެ.