ޚަބަރު

އޮޑިއާއި ނިއުގެ ކުރިމަތިލުން އެއްވަރު


  • މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިން

  • ދެޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެއް

19 އަހަރުން ދަށުގެ ފުޓުބޯޅަ ޗެމްޕިއަންޝިޕުގައި އޮޑި ސްޕޯޓްސް ކުލަބާއި ނިއުރޭޑިއަންޓް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު ބައްދަލުކުރި މެޗު، އެއްވަރުވެގެން ނިމިއްޖެއެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއިންނެވެ.

މުޅި މެޗުގައިވެސް ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށްވެސް އިދިކޮޅު ޓީމުގެ ގޯޅަށް މާބޮޑަށް ނުރައްކާ ކުރެވިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި ނިއުރޭޑިއަންޓަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ކެޕްޓަން، އީތަން މުޙައްމަދު ޒަކީ އަށެވެ. އޮޑި ހާފްގެ މެދެއްހައި ހިސާބުން ލިބުނު ހިލޭޖެހުމުން ސީދާ ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި ފެނުނު ދެގޯލުވެސް ފެނިފައިވަނީ ދެވަނަ ހާފުގައެވެ. ފުރަތަމަ ގޯލު ޖަހައި ލީޑު ނަގާފައިވަނީ ނިއުރޭޑިއަންޓުންނެވެ. މިއީ، ޑީ އޭރިއާ އަށްވުރެ ކުޑަ ތަންކޮޅެއް ބޭރުން ލިބުނު ހިލޭ ޖެހުމަކުން، ކެޕްޓަން އީތަން މުޙައްމަދު ޒަކީ މެޗުގެ 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ގޯލެކެވެ.

އޮޑިއަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޙުސައިން ސުހާދު ސުހާންއެވެ. މިއީ، ސުހާދުގެ އިތުރުން ޢަބްދުﷲ ރިޒާން މުޙައްމަދާއި ޢަލީ އައިހަމް، މި ތިން ކުޅުންތެރިންގެ ގުޅުން ފެނިގެންދިޔަ ހިތްގައިމު ގޯލެކެވެ. ސުހާދު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރާއި ދުރު ދަނޑީގައި ޖެހިފައެވެ.

މި މެޗާއެކު މުބާރާތުގައި ވާދަކުރާ 6 ޓީމުވެސް 1 މެޗު ކުޅެ ނިމުނީއެވެ. ފުރަތަމަ މެޗުގައި މާޒިޔާ އާއި ޓީސީ ބައްދަލުކޮށް، މާޒިޔާ ވަނީ 0-8 ގެ ބޮޑު މޮޅެއް ހޯދާފައެވެ. ދެވަނަ މެޗުގައި ކެޔޮދޫ އާއި ބުރު ސްޕޯޓްސް ކުލަބް ވާދަކޮށް، 1-2 ގެ ނަތީޖާއިން މެޗު ކާމިޔާބުކުރީ ކެޔޮދޫއެވެ.