ސިއްހަތު

މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭން އިފްތިތާޙުކޮށްފި


މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭން އިފްތިތާޙް ކޮށްފިއެވެ. މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތަކާ މެދު އާންމުން ހޭލުންތެރިކޮށް މަދިރި ނައްތާލުމަށް ޤައުމީ ފެންވަރުގައި ކުރިއަށް ގެންދާ މި ކެމްޕޭންގެ ފެށުން އޮތީ މިއަދު ހަވީރު ލ.ގަމުގައެވެ. ކެމްޕޭން ފައްޓަވައިދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭނަކީ ހެލްތް މިނިސްޓްރީއާއި، ޑަބްލިއު އެޗް.އޯ އާއި ޔޫ.އެން.ޑީ.ޕީން ގުޅިގެން ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ހިމެނޭގޮތުން ކުރިއަށްގެންދާ ޤައުމީ ކެމްޕޭނެކެވެ. މި ކެމްޕޭން ފެއްޓެވުމަށް ލ.ގަމު ރީޖަނަލް ހޮސްޕިޓަލް ސަރަޙައްދުގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ކެމްޕޭންގެ ދަށުން،  މަދިރީގެ ޒަރީޢާއިން ޖެހޭ ބަލިތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދަވާއިރު، މަދިރި ނައްތާލުމަށް ބޭނުންވާ އާލާތްތައް ރަށްރަަަށަށް ފޯރުކޮށްދީ، މަދިރި ނައްތާލުމަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް، މަދިރި ނައްތާލުމުގައި ފަރުދީ ފެންވަރުގައި އެޅޭނެ ފިޔަވަޅުތަކަށް އާންމުން ސަމާލުކުރުވުން ހިމެނެއެވެ. 

ކެމްޕޭން ފައްޓަވައިދެއްވުމަށްފަހު ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސަރުކާރުގެ ސިއްޙީ ސިޔާސަތަކީ ބަލި ޖެހުމުގެ ކުރީގައި ބަލިން ރައްކާތެރިވުމަށް ފިޔަވަޅު އެޅުން ކަމަށް ވިދާޅުވެފައެވެ. އެފަދަ ނިޒާމެއް މުޖުތަމަޢުގައި ޤާއިމް ކުރެވިއްޖެނަމަ،  ދުޅަހެޔޮ ސިއްޙީ ނިޒާމެއް ދެމެހެއްޓިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މަދިރި ކޮންޓްރޯލް ކުރުމުގެ ޤައުމީ ކެމްޕޭން އެންމެ ފުރަތަމަ ލ.އަތޮޅުގައި ފެށިގެންދާއިރު، ރާއްޖޭގެ ހުރިހާ ރައްުޔިތުންގެ ބައިވެރިވުމާއެކު،  މުޅި ރާއްޖެއަށް މި ކެމްޕޭން ފުޅާ ކުރައްވާނެ ކަމަށް ހެލެތް މިނިސްޓަރ ވިދާޅުވިއެވެ. މި ކެެމްޕޭންގެ ތެެރެއިން މަދިރި ނައްތާލުމަށް ބޭނުންވާ ޢާލާތްތަކާ ކެމިކަލް ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރގެ ވާހަކަފުޅުގައި ސިއްޙީ ދާއިރާއިން ސަރުކާރުން ހޯއްދަވަމުންދާ ކާމިޔާބީތަކަށްވެސް ބައްލަވާލެއްވިއެވެ. ޔޫ.އެން.ޑީ.ޕީގެ  ރެސިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ދެއްކެވި ވާހަކަފުޅުގައި މަދިިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދުކުރުމަށް ފަރުދީ އަދި ގައުމީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ރައްޔިތުންނަށް އިލްތިމާސް ކުރެއްވިއެވެ.

ޑަބްލިއު.އެޗް.އޯއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޑރ.އަރްވިންދު މާތުރް ވަނީ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެއް ކަމުގައިވާ މެލޭރިއާ ނައްތާލުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީ ފާހަގަކުރައްވާ، މަދީރީގެ ޒަރީއާއިން ފެތުރޭ އެހެނިހެން ބަލިތައް ކޮންޓްރޯލް ކުރުމަށްވެސްއެކަށީގެންވާ ކުރިއެރުންތަކެއް ހޯދިދާނެ ކަމަށް ވިދާޅުވެފައެވެ.

މަދިރި ނައްތާލުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ލ.އަތޮޅުގެ އެކި ސަރަޙައްދުތަކުގައި މިހާރު ވަނީ މަދިރި ނައްތާލުމުގެ މަސައްކަތް ފަށާފައެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި 3500 ވައްތަރުގެ މަދިރި އުޅޭއިރު، ރާއްޖެއިން އާންމުކޮށް ފެންނަަނީ  ތިން ވައްތަރެއްގެ މަދިރި.އޭގެ ތެރެއިން އެންމެ ނުރައްކާތެރީ އީޑިސް މަދިރިއެވެ. މަދިރީގެ ޒަރީއާއިން މެލޭރިއާ ފައިލޭރިއާ ޑެންްްގީ، ޔެލޯ ފީވަރ، ޗިކުންގުންޔާފަދަ ބަލިތައް ފެތުރެއެވެ. ރާއްޖޭގައިވެސް އަހަރުގެ އެކި ދުވަސްވަރު ޑެންގީއާއި ޗިކުންގުންޔާ ފަދަ ބަލިތައް ފެތުރޭކަން ފާހަގަކުރެވެއެވެ.