ސިއްހަތު

ގަން ރީޖަނަލް ހޮސްޕިޓަލަށް ހެލްތް މިނިސްޓަރ ޒިޔާރަތްކުރައްވައިފި


ލ. ގަމު ރީޖިނަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދެވޭނެ ގޮތްތަކާ ބެހޭގޮތުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް، އެ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުންނާއިއެކު މަޝްވަރާ ކުރައްވައިފިއެވެ.

ލ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމްވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވާ އެ ހޮސްޕިޓަލްގެ އިސް މެނޭޖްމަންޓާއި އަދި މުވައްޒަފުންނާ ބައްދަލްކުރައްވާފައެވެ. މި ބައްދަލްވުމުގައި ހެލްތް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ސަރުކާރުން ސިއްޙީ ދާއިރާގެ ތަރައްޤީއަށް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ޙިއްސާ ކުރެއްވިއެވެ. އަދި، ލ.ގަމު ރީޖިނަލް ހޮސްޕިޓަލުން ދެއްވާ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދެއްވަމުން ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާ، އިރުޝާދު ދެއްވާފައިވެއެވެ. 

ގަމު ރީޖަނަލް ހޮސްޕިޓަލަކީ ތ. އަދި ލ. އަތޮޅުގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ އެއް ވަނަ ދަރަޖައިގެ ހޮސްޕިޓަލަކަށްވުމާއެކު، ޕަބްލިކް ހެލްތްގެ ދާއިރާ މިހާރަށްވުރެ ފުޅާކޮށް ތަރައްޤީކުރައްވާ ކުރިއެރުވުމަށް މަސައްކަތް ކުރެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

img:http://s3.psmnews.mv/images/660x400/14766293452954.jpg|ހެލްތް މިނިސްޓަރ ގަން ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއި ބައްދަލުކުރައްވަނީ / ފޮޓޯ: ހެލްތް މިނިސްޓްރީ

ގަމު ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފުންނާއެކު ބޭއްވެރި މި ބައްދަލްކުރެއްވުމުގައި ބައެއް މުވައްޒަފުންނަނީ އެ ފަރާތްތަކުގެ ކަންބޮޑުވުންތައް މިނިސްޓަރާ ޙިއްޞާ ކޮށްފައެވެ. އެގޮތުން ރަށުގައި ތިބެގެން ނަރުސްކަމުގެ ޑިޕްލޮޕާ ކޯސްތައް ހެދޭނެ ގޮތް ބޭނުންވާ ކަމަށް ނަރުހުން ބުނުމުން، ހެލްތް މިނިސްޓަރ ވަނީ ސަރުކާރުން ފަށްޓަވާފައިވާ ނަރުހުން ތަމްރީން ކުރުމުގެ ބިޔަ މަޝްރޫޢުގެ ދަށުން ގަމު ހޮސްޕިޓަލްގެ މުވައްޒަފުންނަށް އެ ފުރުޞަތު ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލަކީ 52 އެނދުގެ ހޮސްޕިޓަލެކެވެ. ހެލްތް މިނިސްޓަރވަނީ، އެކި ޑިޕާޓްމަންޓްތަކަށް ވަޑައިގެން ބަލި މީހުންގެ ޙާލު ބައްލަވާލައްވާ، ތަނުގެ މަސައްކަތް ހިނގަމުންދާ ގޮތް އޮޅުންފިލުއްވާލައްވާފައެވެ.

މީގެ އިތުރުން، ހެލްތް މިނިސްޓަރވަނީ ލ.އަތޮޅުގެ ވެރިކަންކުރާ ރަށް ފޮނަދޫގެ ސިއްޙީ މަރުކަޒަށްވެސް ވަޑައިގެން އެތަނުގެ މުވައްޒަފުންނާ ބައްދަލްކުރައްވާފައެވެ. ފޮނަދޫ ސިއްޙީ މަރުކަޒުގެ މުވައްޒަފުން ވަނީ މިނިސްޓަރއަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ. މުވައްޒަފުންނާއެކު ބޭއްވި ބައްދަލްވުމުގައި ފޮނަދޫ ސިއްޙީ މަރުކަޒަށް އިތުރު ކުރެއްވި ބައި ހުޅުއްވުމަށްޓަކައި ކުރައްވަމުން ގެންވާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު މިނިސްޓަރ އޮޅުންފިލުއްވިއެވެ.

މި ބައްދަލްކުރެއްވުންތަކުގައި ހެލްތް މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ ޑރ ޢާއިޝަތު ރަމީލާއާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.