ޚަބަރު

ހައިޑްރެންޓް ސިސްޓަމް - އަލިފާން ނިއްވާލުން އަވަސްވާނެ


އިންސާނުންގެ ފުށުން ނުވަނަ ފަރުދުންގެ އިހުމާލުން ކުރިމަތިވާ ޙާދިސާތައް ކުރިމަތިވާ މިންވަރު ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ. ޚާއްޞަކޮށް ވެރިކަން ކުރާ މާލޭގައި ހިނގާ އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުން ވަރަށް ބޮޑެވެ. ފަހުގެ ތާރީޚްތަކުގައި މާލޭގައި ހިނގި އަލިފާނުގެ ޙާދިސާތަކަށް ދައުލަތުން ކުރަންޖެހުނު ޚަރަދު، ތިން މިލިޔަން ރުފިޔާއަށް އަރައެވެ. އެހެންކަމުން ސަރުކާރުގެ އަމާޒަކީ މިފަދަ ކާރިސާތަކުން ސަލާމަތްވުމަށް ދުރާލާ ފިޔަވަޅު އެޅުއްވުމެވެ. ހަމައެއާއެކު މިފަދަ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދަނީ މަސައްކަތް ކުރައްވަމުންނެވެ. އެގޮތުން މާލޭގައި ހައިޑްރެންޓް ސިސްޓަމްތައް ޤާއިމް ކުރެއްވުމުގެ މަޝްރޫއަކީ މީގެ ތެރެއިން އަޅުއްވާ އެންމެ މިހުންމު އެއް ފިޔަވަޅެވެ. 

މާލޭގެ އެކި ޞަރަޙައްދުގައި ބެހެއްޓެވުމަށް ހަމަޖެހިފައިވާ 12 ހައިޑްރެންޓް ސިސްޓަމްގެ ތެރެއިން ބަހައްޓަވާ ފުރަތަމަ ސިސްޓަމް މަޖީދީމަގުން މާފަންނު މަދަރުސާ ކުރިމަތީގައި ބެހެއްޓެވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ މިއަހަރުގެ ބަޖެޓުގައި މިފަދަ ސިސްޓަމެއް ޤާއިމް ކުރެއްވުމަށް ބަޖެޓެއް ކަނޑައަޅުއްވާފައި ނުވިނަމަވެސް، މިފަދަ ސިސްޓަމެއް ޤާއިމް ކުރެއްވުމަށް ސަރުކާރުން ނިންމެވީ، މިކަމުގެ މުހިންމު ކަމަށް ބައްލަވާ، ޢާއްމުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާތީކަމަށެވެ. 

img:http://s3.psmnews.mv/images/660x400/14766284218519.jpg|ހައިޑްރަންޓް ސިސްޓަމް ބެހެއްޓުމަށްފަހު މިނިސްޓަރ ނޫސްވެރިންނަށް މައުލޫމާތުދެއްވަނީ / ފޮޓޯ: ޕީއެސްއެމް

މިނިސްޓަރ ވިދާޅުވީ ހައިޑްރަންޓް ސިސްޓަމްތަކުގެ ސަބަބުން މިހާރު އަލިފާނުގެ ޙާދިސާއެއް ހިނގައިފިނަމަ، އެމް.އެން.ޑީ.އެފް ގެ ފަޔަރ ފައިޓަރުން ކުރަންޖެހޭ މަސައްކަތް ދެގުނަ އަވަސްވެ، ހަލުވިކަމާއެކު އަލިފާން ނިއްވާލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަލިފާނުގެ ޙާދިސާތަކުން ލިބޭ ގެއްލުންތަކަށް ޢާއްމުން ހޭލުންތެރިކޮށް، މިފަދަ ޙާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ކަމަށެވެ.

އަންނަ އަހަރުގެ ކުރީކޮޅު މާލޭގެ 12 ސަރަޙައްދެއްގައި އަލިފާންނިވާ ނިޒާމް ޤާއިމްކޮށް ނިންމާލެވޭނެ ކަމަށް ޑިފެންސް މިނިސްޓްރީން މަޢްލޫމާތު ދެއްވައެވެ. މިއީ ޑިފެންސް މިނިސްޓްރީއާއީ، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި، އެމް.ޑަބްލިއު އެސް،ސީ ގުޅިގެން ކުރިޔަށް ގެންދަވާ މަޝްރޫއެކެވެ.