ޚަބަރު

ޔޫތް ލީޑަރޝިޕް ޕްރޮގްރާމް އަންނަމަހު ފަށަނީ


ކޮންމެ އަހަރަކު ފަސްސަތޭކަ ޒުވާން ލީޑަރުން ބިނާކުރެއްވުމަށް ސަރުކާރުން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ލީޑަރޝިފް ޓްރެއިނިންގ ޕްރޮގްރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައްވައިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. ޔޫތު މިނިސްޓްރީގެ މި ޕްރޮގްރާމް ހިންގަވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އެހީތެރިކަމާއިއެކުއެވެ. ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރ ޙުސައިން އަމީން ވިދާޅުވީ، ޔޫތު ލީޑަރޝިޕް ޓްރެއިންގގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގިރިފުށީގައި ކަމަށާއި ނަމަވެސް މި ޕްރޮގްރާމްގެ އިތުރު ބައިތައް ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ކުރިއަށް ގެންދަވާނެކަމަށެވެ.

"އަޅުގަނޑުމެން މިހިންގާ ޕްރޮގްރާމްތަކަކީ ޒުވާނުންގެ އަތުން އެއްވެސް ފީއެއް ނުނަގާ ޔޫތު މިނިސްޓްރީން ހުރިހާ ޚަރަދެއް ކުރައްވާގޮތަށް ހަރުދަނާ ޒުވާނުން އުފެއްދުމަށް ކުރެވޭ މަސައްކަތެއް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ މިގޮތަށް ހިލޭ ސާބަހަށް ކުރެވޭ މަސައްކަތްތަކުގައި ޒުވާނުން އަމިއްލައަށް އިސްނަގައިގެން ބައިވެރިވާން އެބަޖެހެޔޭ. މިއީ އަސްލު ތިމާގެ ދިރިއުޅުން ޚަރުދަނާ ގޮތުގައި ދެމެހެއްޓުމަށްޓަކާ ހަޤީޤަތުގައި ހިލޭ ހުޅުވާލެވިފައިވާ ރަށުގެ ފުރުޞަތެއް" އަމީން ވިދާޅުވިއެވެ.  

މި ޕްރޮގްރާމް ހިންގެވުމުގައި އިސްކޮށް ޙަރަކާތްރެރިވެވަޑައިގަންނަވާ އެމްއެމްޑީއެފްގެ ސާޖެންޓް މޭޖަރ ނަޞްރުﷲ ވަސީމް ވިދާޅުވީ، ވާދަވެރި ރޫޙެއްގައި މަސައްކަތް ކުރުމުގެ ހުނަރާއި ކަންކަމުގައި އިސްނެގުމުގެ ހުނަރު މި ޕްރޮގްރާމް މެދުވެރިކޮށް ބައިވެރިންނަށް ދަސްކޮށްދެވޭނެކަމަށެވެ.

"ޕްރޮގްރާމް ފުރިހަމަކޮށް ނިމޭއިރު ކުރިމަގުގައި އެކިއެކި ވަޒީފާތަކުގައި މަސައްކަތުގެ ދާއިރާގައި އަދި ފަރުދީގޮތުންވެސް ދިރިއުޅެމުން ގެންދާއިރު ޒިންމާދާރު ރައްޔިތެއްގެ ހައިސިއްޔަތުން ލީޑު ކުރުމުގެ، ނޫނިއްޔާ ލީޑަރޝިފް ސްކިލް ޑިވަލޮޕްކޮށްގެން އޭގެ ބޭނުން ހިފައިގެން ފުރިހަމަ ގޮތުގައި މަސައްކަތުގެ މައިދާނުގައި އެހެންމީހުންނާ ވާދަވެރި ރޫހެއްގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން އުފައްދާ އެކަމުގެ ޤާބިލްކަން އުފައްދައިދިނުމަށް ވިސްނައިގެން ބައްޓަން ކޮށްފައިވާ ޕްރޮގްރާމެއް މި ޕޮރޮގްރާމަކީ" އެމްއެމްޑީއެފްގެ ސާޖެންޓް މޭޖަރ ނަސްރުﷲ ވަސީމް ވިދާޅުވިއެވެ. 

ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ދަށުން، ކޮންމެ އަހަރަކު ހަތް ބެޗް ތަމްރީން ކުރައްވަން ހަމަޖައްސަވާފައިވާކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވިއެވެ. 

"މިޕްރޮގްރާމް ނިމޭއިރުގައި ބައިވެރިވާ ކުދިންގެ މެދުގައި ކަމަށް ކަމޭ ހިތާ ބަޔަކު ކަމުގައި އަށަގެންނެވުމަށް އެހީތެރިވެދޭނަން. ޕްރޮގްރާމް ނިމޭއިރު ކޮންމެ ޒުވާނަކީ ރަނގަޅު އަޚްލާޤެއްގެ ވެރިބަޔަކަށް ވުމަށް، އަނެއްކާ އެކުއްޖާއަކީ ޒުވާނުންނަށް ނަމޫނާ ކުއްޖަކަށް ވެވޭ ކަހަލަ ލީޑަރަކަށް ވެވޭ ކަހަލަ ގޮތަކަށް މަސައްކަތް ކުރާނަން. އަދި ޒުވާނުންނަކީ އިޚްތިރާމް ކުރަން އިނގޭ، އިޚްތިރާމް ލިބިގަންނަން އިނގޭ، އިޚްތިރާމް ކުރާ ބަޔަކު ކަމުގައި ވުމަށްވެސް މި ޕްރޮގްރާމްގެ ތެރެއިން ޓެރެއިނިންގ ދެވިގެންދާނެ. އަދި ޒުވާނުންގެ މެދުގައި ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުން އެއީ އެންމެ މުޙިއްމު އެއް ކަންތައް" ޔޫތް މިނިސްޓްރީގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަޙުމަދު ނަޝީދު ހުޞައިން ވިދާޅުވިއެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހު މި ޕްރޮގްރާމްގެ ފުރަތަމަ ބެޗް ފެއްޓެވުމަށް ހަމަޖައްސަވާފައިވާއިރު އަށާރަ އަހަރާއި ތިރީސް ފަސްއަހަރާއި ދެމެދުގެ ދެޖިންސްގެ ކޮންމެ މީހަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު އޮންނާނެކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.