ޚަބަރު

ކުރީގެ ރައީސުންނަށް ޢިނާޔަތާއި ރައްކާތެރިކަން ދެއްވުމުގެ އުސޫލު


ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން ދާއިމީ ގޮތެއްގައި ދިވެހިރާއްޖޭގައި ދިރިއުޅުއްވާ، މުޖުތަމަޢަށް ފައިދާކުރުވަނިވި މަސައްކަތެއް ކުރައްވާ ބޭފުޅުން، އޮފީސް ހިންގެވުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރައްވާގޮތުގެ އުސޫލަށް ބަދަލު ގެންނަވައިފިއެވެ.  

މިއީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދެއްވަންޖެހޭ ޢިނާޔަތާއި ރައްކާތެރިކަން ދެއްވުމުގައި ދައުލަތުގެ ބަޖެޓުން ދޫކުރައްވާ ފައިސާ، ޒިންމާދާރު ގޮތުގައި ޚަރަދުކުރެއްވުމަށް ބާރުއެޅުއްވުމުގެ ގޮތުން ގެންނެވި ބަދަލެކެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރައްވާފައިވާ މި އުސޫލުގެ ދަށުން، ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅެއްގެ އޮފީސް ހިންގެވުމަށްޓަކައި ކުލީގެ ގޮތުގައި 30،000 ރުފިޔާ ލިބިދެވެއެވެ. އަދި އޮފީސް ހިންގުމުގެ ޚަރަދާއި މުވައްޒަފުންގެ ޚަރަދުގެ ގޮތުގައި، 49،000 ރުފިޔާގެ ޢިނާޔަތެއް ލިބިދެވެއެވެ. މި ޢިނާޔަތް ލިބިވަޑައިގަންނަވާނީ ފިނޭންސް މިނިސްޓްރީއަށް ހުށައެޅުއްވުމުން ކަމަށާ، އެ މިނިސްޓްރީން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު، ރާއްޖޭގައި އެފަދަ އޮފީހެއް ހިންގެވުމަށް ހަމަޖައްސަވަންޖެހޭ އިންތިޒާމު ސަރުކާރުން ހަމަޖައްސަވާނެ ކަމަށްވެސް މި އުސޫލުގައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ މީހުން ދިރިއުޅުއްވާ ތަނުގެ ޚަރަދުގެ ގޮތުގައި ސަރުކާރުން ފައިސާ ދެއްވަނީ، މަޤުބޫލު ސަބަބަކަށްޓަކައި ރާއްޖޭގެ ތަނެއްގައި ދިރިއުޅުއްވާނަމަ އެތަނެއްގެ ކުލީގެ ގޮތުގައި މަހަކު 20،000 ރުފިޔާއެވެ. އަދި އެތަނެއްގެ ސެކިއުރިޓީ ބެލެހެއްޓުމަށް މަހަކު 10،000 ރުފިޔާއެވެ.

މި އުސޫލޫގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ފަރާތަކަށް ޙިމާޔަތާއި ރައްކާތެރިކަން ދެއްވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ކަނޑައަޅުއްވާ ފެންވަރަކަށް، އެފަރާތުންނެވެ.

އަދި ދަތުރުފަތުރުގެ ކަންތައްތަކަށް، އެމީހަކު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ރަށެއްގެ އެންމެހާ ދަތުރުފަތުރާއި، އެރަށެއްގެ އެންމެ ކައިރީގައިވާ އެއަރޕޯޓަކާދެމެދު ކުރާ ދަތުރުފަތުރުގެ ޚަރަދު ލިބިދެއެވެ.

ސިއްޙީ ފަރުވާގެ ގޮތުގައި ސަރުކާރާއި ސަރުކާރު ހިއްސާވާ އެންމެހާ ހޮސްޕިޓަލްތަކުން ހިލޭ ބޭސްފަރުވާ ކުރެވެއެވެ. އަދި ރާއްޖޭގެ ހޮސްޕިޓަލުތަކުންނާއި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ހޮސްޕިޓަލުތަކުން، ސަރުކާރުގެ ޚާއްސަ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިން ސިއްޙީ ޚިދުމަތް ފޯރުކޮށްދެއްވާއިރު، މިގޮތުގެ މަތިން އަހަރަކަށް ހަމަޖައްސަވައިދެއްވަނީ ގިނަވެގެން 24،000 ރުފިޔާކަމަށް އައު އުސޫލުގައި ބުނެފައިވެއެވެ.

މިއަށްވުރެ އިތުރަށް ދުނިޔޭގެ އެހެން ޤައުމަކުން ފަރުވާ ހޯދާނަމަ އެފަދަ ސިއްޙީ ފަރުވާއަކަށް މިއުސޫލުގެ ދަށުން އަމަލުކުރެވޭނީ ފިނޭސްސް މިނިސްޓްރީގެ ޚާއްސަ ހުއްދައެއްގެ ދަށުން ކަމަށް މި އުސޫލުގައިވެއެވެ. މި އުސޫލަށް މިހާރު ވަނީ އަމަލުކުރައްވަން ފައްޓަވާފައެވެ.