އެންމެ ބޮޑު ވާދަވެރިޔާ އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީއާ ބެހޭ ގޮތުން ސުވާލު ކުރުމުން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވާހަކަ އޮޅުވާލައިފި އެވެ.
އުޒުބަކިސްތާން އަތުން 5-0އިން ޕޯޗުގަލް މޮޅުވި މެޗަށް ފަހު މިކްސް ޒޯނުގައި ނޫސްވެރިއަކު ސުވާލު ކުރީ މެސީ އިއްޔެ ދެ ގޯލު ޖަހައިފި ކަމަށާއި ރޮނާލްޑޯ ދެކޭ ގޮތަކީ ކޮބާތޯ އެވެ؟ ނަމަވެސް މި ސުވާލަށް ޖަވާބު ނުދީ ރޮނާލްޑޯ އެދުނީ ސުވާލު ކުރަން އޮތް ތަރުތީބުން ޖެހިގެން ކުރިއަށް ފުރުސަތު ލިބެން އޮތް ނޫސްވެރިޔާ ސުވާލު ކުރުމަށެވެ. އެކަމަކު ބާކީ ތިބި ބައެއް ނޫސްވެރިން ރޮނާލްޑޯ ކުރެން އެހީ އެމީހުންގެ ސުވާލުތަކަށް އޭނާ ޖަވާބުދޭނަންތޯ އެވެ.
"ކުރާ ސުވާލުގެ ގޮތުން ޖަވާބު ދޭނަން. އެހެން ނޫނީ އަހަރެން ޖަވާބެއް ނުދޭނަން،" އުމުރުން 41 އަހަރުގެ ފޯވަޑް ބުންޏެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި މެސީ ވަނީ މިހާތަނަށް ހެޓްރިކެއް ހަދައި ޖުމުލަ ފަސް ގޯލު ޖަހައިފަ އެވެ. އަދި ވޯލްޑް ކަޕުގައި މިހާތަނށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް އޭނާ ވަނީ މުގުރާލައިފަ އެވެ. ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ދެ މެޗުން ހަތަރު ގޯލު އަދި ނޯވޭގެ ފޯވަޑް އާލިން ހާލަންޑް ވެސް ވަނީ ދެ މެޗުން ހަތަރު ގޯލު ޖަހައިފަ އެވެ. ރަންބޫޓަށް މިވަގުތު ވާދަކުރަނީ މި ތިން ކުޅުންތެރިންނެވެ. ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެ އެންމެ ގިނަ ގޯލު ޖަހާފައިވާ ރޮނާލްޑޯ ކުރެން ނޫސްވެރިން ދެން އެހީ މި އަދަދަށް އޭނާ އަށް ވޯލްޑް ކަޕުގައި ގޯލު ޖެހިދާނެތޯ ނުވަތަ މެސީމެންނާ އެއް ހަމަޔަކަށް ދެވިދާނެތޯ އެވެ؟
"އަހަރެންނަށް އަބަދުވެސް އެ ހިސާބަށް ދެވޭނެ. ލަހުން ނަމަވެސް. އަހަރެން ހުންނާނީ އެ ހިސާބުގައި،" ހިތްހަމަ ނުޖެހިފައި ރޮނާލްޑޯ ބުންޏެވެ.
"އަހަރެން ގަބޫލު ކުރަނީ އަހަރެން ކުރާ މަސައްކަތް. އަހަރެން ގަބޫލު ކުރަނީ ހެއްދެވި ފަރާތުން ކުރާ މަސައްކަތް ކާމިޔާބު ކުރުމަށް އެހީތެރިވެދޭނެ ކަމަށް. އަހަރެންގެ ކެރިއަރު އޮތީ މުޅިން މި ގޮތަށް. އަހަރެން އެއްވެސް ކަމެއް ބަދަލު ކުރާކަށް ނެތިން. އަހަރެންނަށް އެންމެ މުހިންމު ކަމަކީ ޓީމު މޮޅުވުން. ޓީމުގައި އެކުވެރިކަން އޮތުން. އާއިލާއެއްހެން. މިއީ އަހަރެންނަށް ކުރެވޭނެ ކަމަކީ. ބޭރު ތެރެއިން (އެހެން ކުޅުންތެރިން ކުރާ ކަންތައްތައް) އަހަރެންނަކަށް ކޮންޓްރޯލެއް ނުކުރެވޭނެ. އަހަރުމެންނަށް އެނގޭ އަހަރުމެން ރަނގަޅަށް ނުކުޅެ މޮޅު ނުވެވޭނެކަނ. އަހަރުމެންނަށް އަބަދުވެސް ފާޑުކިޔާ. ހާއްސަކޮށް އަހަރެންނަށް. އަހަރެން އެކަން ބަލައިގަންނަން،" ގައުމީ ޓީމަށް 145 ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާ ބުންޏެވެ.
ރޮނާލްޑޯ އަށް މިހާތަނަށް ގައުމީ ޖާޒީގައި ކާމިޔާބު ކުރެވުނު ބޮޑު މުބާރާތަކީ ޔޫރޯ 2016 އެވެ. އަދި މި ފަހަރުގެ މުބާރާތުގައި ޕޯޗުގަލް ކޮންގޯއާ ކުޅެ އެއްވަރު ވުމުން ރޮނާލްޑޯ އަށް ވަނީ ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފަ އެވެ. ހާއްސަކޮށް އޭނާގެ އަމިއްލަ ގައުމުގަ އެވެ.