ޖަރުމަނުވިލާތަށް މި ފަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބު ކުރެވިއްޖެނަމަ އެކަމުގެ އުފަލުގައި އޭނާގެ ބޮޑުގެ އިސްތަށިގަނޑު ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯގެ 2002 ވަނަ އަހަރުގެ ހެއާސްޓައިލާ އެއްގޮތް ކޮށްލާނެ ކަމަށް ފޯވަޑް ޖިމީ ލުވިންގެ ބުނެފި އެވެ.
އޭނާ ވަނީ ދާދި ފަހުން ރޮނާލްޑޯ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އިސްތަށިގަނޑު ބެހެއްޓި ހަނދުފަޅި ސްޓައިލަށް އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯ އެއް އިންސްޓަގްރާމް ޕްރޮފައިލް ފޮޓޯ ގައި ބޭނުން ކޮށްފަ އެވެ. ލުވިންގެ މިކަން ކުރީ ވޯލްޑް ކަޕް ކުޅޭ ޖަރުމަނުގެ ނުވަ ނަންބަރު އޭނާ އަށް ލިބުމުންނެވެ. މިހެންވެ ރޮނާލްޑޯ ވަނީ ލުވިންގަށް އޭނާ ސޮއިކޮށްފައިވާ ބްރެޒިލްގެ ޖާޒީ އެއް ހަދިޔާކޮށްފަ އެވެ. މި ޖާޒީ ލުވިންގް ވަނީ ޖަރުމަނުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންނަށް ދައްކާލައިފަ އެވެ.
"އަހަރެންނަށް މި ޖާޒީ ގެނެސްދިނީ ބްރެޒިލްގެ ނޫސްވެރިއެއް. ރޮނާލްޑޯ ސޮއިކޮށްފައި މި އޮތީ. ހަމަ ޔަގީނުން ވެސް އަހަރުމެންނަށް ވޯލްޑް ކަޕް ކާމިޔާބު ކުރެވިއްޖެނަމަ އަހަރެންގެ ހެއާ ސްޓައިލް ރޮނާލްޑޯ (2002ގައި ބެހެއްޓި) ގޮތަށް ބަދަލު ކޮށްލާނަން. އިންސްޓަގްރާމުގައި އަހަރެން އެގޮތަށް ހުރި ފޮޓޯއެއް ލުމުން އެކަންވީ ބޮޑު މަޖަލަކަށް،" ލުވިންގެ ބުންޏެވެ.
ރޮނާލްޑޯގެ 2002ގެ ހެއާ ސްޓައިލަކީ އެ ދުވަސްވަރު އެންމެ މަޝްހޫރިވި ސްޓައިލެވެ. އޭނާ އެ ގޮތަށް ބޮލުގެ އިސްތަށިގަނޑު ބެހެއްޓީ ސީރިއަސްކަން ކަނޑުވާލުމުގެ ގޮތުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ވޯލްޑް މުބާރާތް ރާވާލައިފާ ގޮތުން ބްރެޒިލް އާއި ޖަރުމަނު ކުރެ ފައިނަލަށް ދެވޭނީ ކޮންމެވެސް އެއް ބަޔަކަށެވެ. މި ދެ ގައުމަށް ފައިނަލުގެ ކުރިން ވާދަ ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.