ޚަބަރު

އަޅުގަނޑަކީ އަދިވެސް ޕީޕީއެމްގެ ނައިބުރައީސް – އަބްދުއްރަޙީމް


ޕީޕީއެމްގެ ކައުންސިލް މެމްބަރުކަމުގެ މަޤާމުންނާއި، ޕާޓީގެ ރައީސްކަމުގެ މަޤާމުން އަބްދުއްރަޙީމް ޢަބްދުﷲ ވަކިކުރީ އެޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށްކަމަށާ، އަދިވެސް އޭނާއަކީ ޕާޓީގެ ނައިބުރައީސްކަމަށް އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ވިދާޅުވީ، އޭނާ ޕާޓީގެ ކައުންސިލުންނާއި ޕާޓީގެ ނައިބުރައީސްގެ މަޤާމުން، ވަކިވެއްޖެކަމަށް ރައީސް މައުމޫނު ނިންމެވި ނިންމެވުމަކީ އަސާސީ ޤަވާއިދާ ޚިލާފު ބާޠިލް ނިންމެވުމެއް ކަމަށެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ޙުސައިންމަނިކު ވިދާޅުވީ، އަބްދުއްރަޙީމާއެކު ޕީޕީއެމްގެ ކައުންސިލްގައި ހިމެނިވަޑައިގަތް 3 ބޭފުޅަކު ކައުންސިލުން ވަކިވެއްޖެކަމަށް ރައީސް މައުމޫން ނިންމެވި ނިންމެވުމަކީ، އަސާސީ ޤަވާއިދާ ޚިލާފު ޒިންމާދާރުކަންކުޑަ ޢަމަލެއް ކަމަށެވެ. އަދި އެއީ 21ވަނަ ޤަރުނުގެ ޑިމޮކްރެސީއާ ބީރައްޓެރި ޢަމަލެއްގެ ގޮތުގައި ނިހާން ސިފަކުރެއްވިއެވެ. އޭނާވަނީ ކައުންސިލުން ވަކިވެއްޖެ ކަމަށް ރައީސް މައުމޫން އިއްޔެ ނިންމެވި ބޭފުޅުން ޕީޕީއެމްއަށް ކޮށްދެއްވި ޚިދުމަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، ޤާނޫނީ އަދި ޝަރުޢީގޮތުން ބަލާއިރުވެސް ޕީޕީއެމްގެ ކައުންސިލުގެ މެމްބަރުކަމުން އަބްދުއްރަޙީމް ވަކިކުރި މައްސައަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކައުންސިލަށް 3 ބޭފުޅުން އައްޔަން ކުރުމުގެ ބާރު ޕާޓީގެ ރައީސަށް އޮތްނަމަވެސް، އެކައުންސިލަށް އެބޭފުޅަކު ހޮވުމަށްފަހު ކައުންސިލުން އެފަދަ ބޭފުޅަކު ވަކިކުރުމަކީ ޕާޓީގެ ކައުންސިލްގެ ރުހުމެއްނެތި ރައީސް އަމިއްލަފުޅަށް ނިންމެވޭނެ ކަމެއް ނޫންކަމަށް ރިޔާޒް ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީނާ ޙަވާލުކުރުމަށް މިއަދު ސިވިލްކޯޓުން ނިންމި ނިންމުމަކީ ޕާޓީގެ މުސްތަޤުބަލަށް ވަރަށް މުހިންމު ނިންމުމެއް ކަމަށެވެ.