ގިނަ އެޓޭކްތަކެއް ކޮށް، ކޮންގޯ އަތުން ހަނިމޮޅެއް ހޯދައިގެން ކޮލަމްބިޔާ ފީފާ ވަރލްޑްކަޕްގެ ދެވަނަ ބުރު ޔަގީންކޮށްފިއެވެ.
ގަދަ 32 ޓީމްގެ ތެރެއިން ކޮލަމްބިޔާ ޖާގަ ޔަގީން ކުރީ ދެ މެޗުންވެސް މޮޅުވެ 6 ޕޮއިުންޓާއެކުއެވެ. ޕޯޗްގަލް ހިމެނޭ ގްރޫޕް ކޭގައި ކޮންގޯ އަތުން ކޮލަމްބިޔާ މޮޅުވީ 1-0 ނެވެ. ހަމައެކަނި ލަނޑު 75 ވަނަ މިނިޓްގައި ޖެހީ ޑިފެންޑަރ މުނޯޒް އެވެ. މިއީ އޭނާ ދެ މެޗުން ޖެހި ދެވަނަ ގޯލެވެ. އިތުރު ގޯލެއް ނުޖެހުނު ނަމަވެސް މުޅި މެޗުގައި ކޮލަމްބިޔާއިން ވަނީ ގިނަ އެޓޭކްތަކެއް ކޮށްފައެވެ. މެޗު ފަށައިގެން 4 ވަނަ މިނިޓުން ފެށިގެން މެޗު ނިމުމާ ހަމައަށް ކުރި ރަނގަޅު އެޓޭކްތަކުގެ ހުރަހަކަށްވީ ކޮންގޯގެ ކީޕަރު އެމްޕާސީ އެވެ. ހަތަރުވަނަ މިނިޓްގައި ފުލުފުލުގައި ފޮނުވާލި ދެ ބޯޅަ މަތަކުރި ފަހުން 6 ވަނަ މިނިޓްގައި ކޮލަމްބިޔާއިން ގޯލެއް ޖެހިވެސް މެއެވެ. ގޯލްޖަހަން ކުރި އެޓޭކްގައިވެސް ފުރަތަމަ ފޮނުވާލި ބޯޅަ ކީޕަރު މަތަކުރިއެވެ. ދެވަނަ ފަހަރަށް ފޮނުވާލި ބޯޅަ ގޯލަށް ވަންނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. އޭގެ ފަހުން 11 ވަނަ މިނިޓްގައި ހަމޭސް ރޮޑްރިގޭޒް ދުރުން ފޮނުވާ ބާރު ބޯޅަވެސް ކީޕަރު މަތަކުރިއެވެ. އޭގެ 4 މިނިޓްފަހުން ލުއިސް ޑިއާޒް ފޮނުވާލި ބާރު ބޯޅައިގެ ހުރަހަކަށްވެސްވީ ކީޕަރެވެ. މިހާފްގައި ގުސްޓާވޯ ޕުއޭޓާ ފޮނުވާލި ބޯޅަވެސް ކޮންގޯ ކީމަރު މަތަކުރިއެވެ. މިހާފްގައި ކޮންގޯގެ ހަމައެކަނި އެޓޭކް މުސުއާކޫ ފޮނުވާލުމުން ގޯލާ އަމާޒެއް ނުވިއެވެ
ދެވަނަ ހާފް ފެށީ ލުއިސް ޑިއާޒުގެ އެޓޭކަކުންނެވެ. އެކަމަކު ގޯލަށް ވަނަނުދީ ކީޕަރު ދިފާއުކުރިއެވެ. ދެވަނަ ހާފްގައި ދެ މިނިޓް ތެރޭގައި ލުއިސް ޑިއާޒު ކޮންގޯ ގޯލަށް ދެބޯޅައެއް ފޮނުވާލާ އުފާފާޅުކުރިއެވެ. އެކަމަކު ފުރަތަމަ ބޯޅަ ގޯލަށް ޖެހުމުގެ ކުރިން ފައުލްކޮށްފައިވާ ކަމަށް ރެފްރީ ނިންމިއެވެ. އަދި ދެވަނަ ބޯޅަ ގޯލަށް ޖެހީ އޮފްސައިޑްގަ ހުރެއެވެ. މެޗުގެ އިތުރު ވަގުތުގައި ކޮންގޯއިންވެސް ރަނގަޅު ދެބޯޅައެއް ކޮލަމްބިޔާ ގޯލާ އަމާޒުކޮށް ފޮނުވާލިއެވެ. އެދެބޯޅަވެސް ކޮލަމްބިޔާ ކީޕަރު ހުށިޔާރުކަމާއެކު މަތަކުރިއެވެ.
މިގްރޫޕްގެ އެއްވަނަ ޓީމް ކަނޑައެޅޭނީ ކޮލަމްބިޔާއާ ޕޯޗްގަލް ވާދަކުރާ ފަހު މެޗުންނެވެ. އަދި ކޮންގޯއަށްވެސް އުޒުބެކިސްތާން ބަލިކޮށްގެން އެންމެ ރަނގަޅު ނަތީޖާ ހޯދާ ތިންވަނައަށް ދާ ޓީމްތަކުގެ ތެރޭގައި ހިމެނިގެން ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ ޕޯޗްގަލް ކޮލަމްބިޔާ އަތުން ބަލިވެ، އުޒުބެކިސްތާން އަތުން ރަނގަޅު މޮޅެއް ހޯދައިގެން ދެވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދިއުމުގެ ހަނި ފުރުޞަތެއްވެސް ކޮންގޯއަށް އެބައޮތެވެ.
މުބާރާތުގައި ކުރިއަށް ހުރީ ގްރޫޕް ސްޓޭޖްގެ ފަހު މެޗުތަކެވެ. ކޮންމެ ގްރޫޕެއްގެވެސް ފަހު ދެމެޗު ކުޅޭނީ އެއް ވަގުތެއްގައެވެ.