ޚަބަރު

"ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް، މަޤާމުން ވަކިވެފައެއް ނުވޭ"


ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހީމް ޔޫސުފް މަޤާމުން ވަކިވެފައިވާ ކަމަށް ޤަބޫލުނުކުރާ ކަމަށާއި، ޒުވާނުންގެ ގޮފީގެ ރައީސްއަކީ އަދިވެސް އޭނާ ކަމަށް އެ ގޮފީގެ މެމްބަރުން ބުނެފިއެވެ.

ރޭ ބޭއްވި ޒުވާނުންގެ ގޮފީގެ ކުއްލި ބައްދަލުވުމަށްފަހު ދަރުބާރުގޭގައި ނޫސްވެރިންނާއި ބައްދަލުކޮށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ މެމްބަރު އިބްރާހީމް މުޢާޒް ޢަލީ ވިދާޅުވީ، ޒުވާނުންގެ ގޮފީގެ ރައީސަކަށް ހުންނަން ވާނީ އުމުރުން 31 އަހަރު ނުފުރޭ ޒުވާނެއް ކަމަށް އަސާސީ ޤަވައިދުގައި ބުނެފައި ވީނަމަވެސް، ހިނގަހިނގާ އޮތް ދައުރެއްގައި 31 އަހަރު ފުރިއްޖެނަމަ ދެން ޢަމަލުކުރާނެ ގޮތެއް ޕީޕީއެމްގެ އަސާސީ ޤަވައިދުގައިވެސް އަދި ހިންގާ ޤަވައިދުގައިވެސް ނެތް ކަމަށެވެ.

ޕާޓީ ހިންގާ ޤަވާއިދުގައި ނެތް ކަމެއް ދިމާވެއްޖެނަމަ ޕާޓީގެ ޤައުމީ މަޖިލީހުން ގޮތެއް ނިންމަންޖެހޭނެ ކަމަށް މުޢާޒް ވިދާޅުވިއެވެ. ނަމަވެސް ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް 2013 ވަނަ އަހަރުގެ ޖެނުއަރީ މަހަށްފަހު ބާއްވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުން ކޮންމެ ދެއަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ބާއްވަން ޖެހޭނެ ކަމަށް ޕާޓީގެ އަސާސީ ޤަވާއިދުގައި ބުނެފައިވެއެވެ. ނަމަވެސް އެކަން ޕާޓީން ކޮށްފައި ނުވާއިރު، ޕާޓީގެ ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އަދި އެ ޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބްރާހީމް ޔޫސުފާއި، ކައުންސިލް މެމްބަރ ޒާހިދު ރަމީޒާއި އަދި އެޕާޓީގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަހީމް ޢަބްދުﷲ މަޤާމުން ވަކިކުރެވިދާނެ ކަމަށް ޤަބޫލުނުކުރާ ކަމަށް ޒުވާނުންގެ ގޮފީގެ ފަރާތުން ވާހަކަ ދެއްކި މެމްބަރުން ވިދާޅުވިއެވެ.

ޕާޓީގެ ތެރޭގައި އުފެދިފައިވާ ހުރިހާ ޚިޔާލު ތަފާތުވުމެއްގެ ޙައްލަކީ ޕާޓީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުން ކަމަށާއި، ވީހާވެސް އަވަހަށް ޤައުމީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމަށް ޒުވާނުންގެ ގޮފީގެ މެމްބަރުން ޕާޓީގެ ރައީސަށް ގޮވާލައްވާފައިވެއެވެ.