ޚަބަރު

ޕާކިސްތާންގެ ސެނެޓް ޗެއަރމަން، މަޖިލީހުގެ ރައީސްއާ ބައްދަލުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މުޙައްމަދުގެ ދަޢުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން މިއާން ރަޒާ ރައްބާނީއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ދެބޭފުޅުން މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޭގައި މިއަދުއޮތް މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އޮތް އުޚުވަތްތެރި ގާތްގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން މި ގުޅުން އިތުރަށް ބަދަހިކުރުމުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ތަރައްޤީ ކުރުމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ދެ ޤައުމުގެ ޤާނޫނުހަދާ މަޖިލިސް ބައިވެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި އަދި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަންގެ އަރިހުގައި ވަޑައިގެންނެވި ވަފްދުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި މަޖިލީހުގެ ނައިބު ރައީސްއާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން މިއާން ރަޒާ ރައްބާނީ، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. ޕާކިސްތާންގެ ސެނެޓްގެ ޗެއަރމަން މިއާން ރަޒާ ރައްބާނީ، ރާއްޖެއިން ފުރާ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ، އަންނަ އަންގާރަ ދުވަހުއެވެ.