ސިއްހަތު

ލޭބަލް ނުކުރާ ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވަނީ


ލޭބަލްކޮށްފައިނުވާ އަދި ފުރިހަމަކުރަންޖެހޭ ޝަރުތުތައް ފުރިހަމަނުކޮށް ކާބޯތަކެތި އެތެރެކުރާ މިންވަރު އިތުރުވަމުންދާތީ މިކަން އިސްލާހުކުރުމަށް މަސައްކަތްތަކެއް ފަށާފައިވާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތީގެ ފެންވަރު ހިފެހެއްޓުމަށްޓަކައި އިމްޕޯޓްކުރާ ކާބޯތަކެތީގެ ލޭބަލްގައި ފުރިހަމަކުރަންޖެހޭ ޝަރުތުތައް އަދި މިންގަނޑުތައް ކަނޑައަޅައި ވަނީ އިޢުލާނުކުރައްވާފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވިދާޅުވީ މިކަންތައްތައް އިސްލާހުކުރުމުގެ ގޮތުން އިމްޕޯޓްކުރާ ކާބޯތަކެތީގެ އަސްލުދެނެގަތުމަށާއި، ރައްކާތެރިކަން ކަށަވަރުކުރުމަށް ކާބޯތަކެތި ބަލާ ފާސްކުރުމުގައި، މުދާ ގަންނަ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމާ ބެހޭ ޤަވާއިދު، އަދި ބަންދުކޮށްފައިވާ ކާބޯތަކެތި ލޭބަލްކުރުމުގެ ޤައުމީ މިންގަނޑަށް ފެތޭތޯ މިހާރެކޭ އެއްގޮތަށް ބަލައި، މި ޤަވާއިދާއި މިންގަނޑަށް ނުފެތޭ ކާބޯތަކެތި އެތެރެކުރާ ފަރާތްތަކަށް މިކަންތައްތައް އިސްލާހުކުރުމަށް މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށެވެ.

މި އަހަރުގެ އޮގަސްޓްމަހުގެ ތިރީސްވަނަ ދުވަހު އާންމުކޮށްފައިވާ އިޢުލާނުގައިވާގޮތުން ރާއްޖެއަށް އިމްޕޯޓްކުރާ ކާބޯތަކެތީގެ ލޭބަލް ހުންނަންވާނީ ދިވެހި ނުވަތަ އިނގިރޭސިބަހުންނެވެ. މީގެ އިތުރުން ލޭބަލްގައި ކޮންމެހެން ހުންނަންޖެހޭ މަޢުލޫމާތުގެ ތެރޭގައި އެ އުފެއްދުމުގެ ނަން، އުފެއްދި ޤައުމު، މުއްދަތު ހަމަވާ ތާރީޚް، ބެޗް ނުވަތަ ލޮޓު ނަންބަރު، އެކުލެވިގެންވާ ބާވަތްތައް ނުވަތަ އިންގްރިޑިއެންޓްސް، ބަރުދަން ނުވަތަ މިންވަރު ހިމަނާފައި ހުންނަންޖެހެއެވެ. އަދި އުފެއްދި ފަރާތުގެ ނަމާއި އެޑްރެސް އަދި ވަކި ގޮތަކަށް ބޭނުންކުރަންޖެހޭ ނުވަތަ ރައްކާކުރަންޖެހޭ އެއްޗެއްނަމަ އެ މަޢުލޫމާތުވެސް ހިމަނަންޖެހެއެވެ. އަދި އުފެއްދުމުގެ މުއްދަތު ހަމަވާ ތާރީޚް ބަލާފައިވަނީ އުފެއްދި ތާރީޚުން ފެށިގެން ވަކި މުއްދަތަކަށްނަމަ އުފެއްދި ތާރީޚްވެސް ހިމެނެންވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ.