ސިއްހަތު

ޖޫންމަހުގެ ނިޔަލަށް ހުސްނުވާ އާސަންދައަށް 409 މިލިއަން ރުފިޔާ


ހުސްނުވާ އާސަންދައަކީ ދިވެހި ރައްޔިތުންގެ ބޭސްފަރުވާގެ ޤައުމީ ސްކީމެވެ. މި ސްކީމް މެދުވެރިކޮށް ދިވެހި ކޮންމެ ރައްޔިތަކަށް ހިލޭ ބޭސްފަރުވާ ކުރެވޭނެއެވެ. އާސަންދައިގެ ދަށުން ދެވޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި، އެނދުމަތި ނުކޮށް ދެވޭ ފަރުވާ، އެނދުމަތިކޮށްގެން ދެވޭ ފަރުވާ، ބޭސް ސިޓީ އަށް ބޭސް ނަގައިދިނުމުގެ ޚަރަދު ހިމެނެއެވެ. ރާއްޖެއިން ލިބެން ނެތް ފަރުވާތަކަށް ރާއްޖެއިން ބޭރަށް ބަލިމީހުން ފޮނުވަނީވެސް އާސަންދައިގެ ދަށުންނެވެ.

އާސަންދަ ކުންފުނީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ރާއްޖެއާ ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަރުކާރުގެ ބަޖެޓުން ހަތަރު ސަތޭކަ ނުވަ މިލިއަން ފަންސާސް ހަތަރު ހާސް އަށްސަތޭކަ ތޭރަ (409،054،813.67) ރުފިޔާ ހޭދަކުރައްވާފައިވެއެވެ.

މީގެ ތެރެއިން ރާއްޖެއިން ބޭސް ފަރުވާކުރުމަށް ދައުލަތުގެ ބަޖެޓުން ދުއިސައްތަ އަށްޑިހަ ނުވަ މިލިއަން ފައްސަތޭކަ ސާޅީސް ނުވަ ހާސް ނުވަދިހަ ( 289،549.090.32) ރުފިޔާ ހޭދަކުރައްވާފައިވެއެވެ. އަދި ރާއްޖެއިން ބޭރުގައި ބޭސް ފަރުވާކުރުމަށް މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް ސަތޭކަ ނަވާރަ މިލިއަން ފައްސަތޭކަ ފަސް ހާސް ހަތްސަތޭކަ ތޭވީސް (119،505،723.35) ރުފިޔާ ހޭދަކުރައްވާފައިވެއެވެ. އާސަންދަ ކުންފުނީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ 2015 ވަނަ އަހަރު ޖުމްލަ ހަތްސަތޭކަ ސާޅީސް މިލިއަން އަށްސަތޭކަ ނުވަދިހަ އަށް ހާސް ފައްސަތޭކަ ފަނަރަ (740،898،515.35) ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14710959951151.JPG|ސްޕެޝަލިސްޓް ޑޮކްޓަރެއް ބަލި މީހެއް ބައްލަވަނީ

އާސަންދައިގެ ދަށުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 5 މީހެއްގެ ކިޑްނީ ބަދަލުކުރުމުގެ ފަރުވާދީފައިވެއެވެ. މިދިޔަ 2015 ވަނަ އަހަރު 13 މީހެއްގެ ކިޑްނީ ބަދަލުކުރުމުގެ ފަރުވާ ދީފައިވާއިރު 2014 ވަނަ އަހަރުވެސް 13 މީހެއްގެ ކިޑްނީ ބަދަލުކުރުމުގެ ފަރުވާދީފައިވޭ.ހިތުގެ ފަރުވާ ހޯދި މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 845 މީހުން އާސަންދައިގެ ދަށުން ފަރުވާ ހޯދާފައިވެއެވެ. މިދިޔަ 2015 ވަނަ އަހަރު 1488 މީހުން ހިތުގެ ފަރުވާ ހޯދާފައިވެއެވެ.

ކެންސަރުގެ ފަރުވާ ހޯދި މީހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 720 މީހުން ފަރުވާ ހޯދާފައިވާއިރު، މިދިޔަ 2015 ވަނަ އަހަރު 905 މީހުން ކެންސަރު ބައްޔަށް ފަރުވާ ހޯދާފައިވާ ކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އާސަންދައިގެ ދަށުން ބަލިމީހުން އެއްރަށުން އަނެއް ރަށަށް އުފަލައިދިނުމުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް 2043 ބަލި މީހަކު މާލެއާއި، ރީޖަނަލް އަދި އަތޮޅު ހޮސްޕިޓަލްތަކަށް ގެންގޮސްދީފައިވެއެވެ. މިދިޔަ 2015 ވަނަ އަހަރު މިއަދަދު އުޅެނީ 3383 ގައި ކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.