ސިޔާސީ

ޑީއާރުޕީގެ ދަރަނީގެ ތެރެއިން 2.5 މިލިއަން ރުފިޔާ ދައްކައިފި


ދިވެހި ރައްޔިތުންގެ ޕާޓީ، ޑީއާރުޕީގެ ދަރަނީގެ ތެރެއިން 2.5 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވާކަމަށް އެޕާޓީން ބުނެފިއެވެ. 

ޑީއާރުޕީގެ ލީޑަރު އަދި ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު މުޙައްމަދު ނަޝީދު ވިދާޅުވީ، އެޕާޓީގެ ދަރަނީގެ ތެރެއިން 2.5 މިލިއަން ރުފިޔާ ދައްކާ ޚަލާސްކޮށްފައިވަނީ މިއަދު ކަމަށާއި، އަދިވެސް 6 މިލިއަން ރުފިޔާގެ ދަރަނި އެބައޮތްކަމަށެވެ. އެދަރަނިވެސް މިއަހަރު ނިމުމުގެ ކުރިން ދައްކާ ޚަލާސް ކުރާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ނަޝީދު ވިދާޅުވިއެވެ. 

ޑީއާރުޕީގެ ދަރަންޏަކީ ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ޒަޢީމްކަމުގައި، 2008 އަހަރުގެ ރިޔާސީ އިންތިޚާބަށް ކޮށްފައިވާ ޚަރަދުތަކުގެ ދަރަނިކަމަށް ޑީއާރުޕީގެ ލީޑަރު ވިދާޅުވިއެވެ. އެޕާޓީއަށް މާލީ ދަތިތަކާއި ކުރިމަތިވެގެން އުޅޭނީ ސިވިލް ކޯޓުގައި އޮތް އެޕާޓީގެ މައްސަލައިގެ ސަބަބުން ޕާޓީގެ އެކައުންޓްތައް ފްރީޒްކޮށްފައިވުމުންކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ޑީއާރުޕީގެ ލީޑަރޝިޕާއި އޭނާ ހަވާލުވިއިރު 10 މިލިއަން ރުފިޔާގެ ދަރަންޏެއް އޮތްކަމަށް ނަޝީދު ކުރިން ވިދާޅުވެފައިވެއެވެ.